ޚަބަރު

މުސާރަ ބޮޑުކުރެއްވި 3 ދާއިރާއަށް ދައުލަތުން އަހަރަކު 1 ބިލިއަން ރުފިޔާ


ތިން ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް ބޮޑުކުރެއްވުމާއެކު، އަހަރަކު 1 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ ގިނަ ދާއިރާތަކެއްގައި އޮތް އެތައް ޒަމާނެއްވީ ކަންބޮޑުވުމެކެވެ. މިކަމަށް ޙައްލު ގެނެސްދެއްވުމަށް ނިންމަވާ މުސާރައިގެ އޮނިގަނޑެއް އެކުލަވާލައި މުސާރަ އެއްހަމަކޮށް، މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވައިފައެވެ. މީގެ ދަށުން މިހާތަނަށް 3 ދާއިރާއެއްގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި، މަތީ ތަޢުލީމުގެ ދާއިރާގެ އިތުރުން މިހާރު ވަނީ ޞިއްޙީ ދާއިރާގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާފައެވެ. މިއާއެކު މިކަމަށް ހިނގާނެ ޚަރަދުތަކުގެ މަޢުލޫމާތުވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޞިއްޙީ ދާއިރާގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލު ޙިއްޞާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ ސަރުކާރުން މުސާރައަށް ބަދަލު ގެންނެވި 3 ދާއިރާއަށް ދައުލަތުން އަހަރަކު އެއް ބިލިއަން ރުފިޔާ ހޭދަކުރައްވާކަމަށެވެ. އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަވާފައިވާ ހެޔޮ ބަދަލާއެކު، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސް ވެސް ވަނީ ބޮޑުކުރައްވާފައެވެ.

"މި ތިންދާއިރާއަށް ހަމައެކަނި މުސާރައަށް ބަދަލުގެނައުމަށް އެބަ 800 މިލިއަން ހޭދަވޭ. އަދި އަޅުގަނޑު ދަންނަވައިފިން އިތުރު ޢިނާޔަތްތަކެއްގެ ވާހަކަވެސް، ހަމައެއާއެކު މިތިންދާއިރާގެ ތިބި އެހެން މުވައްޒަފުންގެ ޢިނާޔަތުގެ 35 އިންސައްތައާއެކު މިހުރިހާ ކަމަކަށް އަހަރަކު މިތިންދާއިރާއަށް އެއް ބިލިއަން ހޭދަވާނެ." ޑރ.ފައިޒަލް ވިދާޅުވިއެވެ.

ސަރުކާރުން މިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް ވަނީ ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރައްވާފައެވެ. އެގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އެހެނިހެން ސަޕޯޓިންގ ސްޓާފުންނާއެކު ޖުމްލަ7141 މުވައްޒަފެއްގެ މުސާރަ ވަނީ ބޮޑުކުރައްވާފައެވެ. އެ މުވައްޒަފުންގެ މުސާރަ ދިނުމަށް ދައުލަތުން އަހަރަކު 465 މިލިއަން ހޭދަކުރައްވައެވެ. މަތީ ތަޢުލީމުގެ ދާއިރާގެ މުސާރަވެސް ސަރުކާރުން މިއަހަރު ވަނީ ބޮޑުކުރައްވާފައެވެ. އެގޮތުން މިދާއިރާގެ 327 މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ދައުލަތުން އަހަރަކު 51 މިލިއަން ރުފިޔާ ޚަރަދު ކުރައްވާނެއެވެ. މިހާރު ސިއްޙީ ދާއިރާގެ މުސާރަ ވެސް މިވަނީ ބޮޑުކުރައްވާފައެވެ. މި ދާއިރާގެ 3710 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރެއްވުމަށް އަހަރަކު 283 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރައްވައެވެ.

ސަރުކާރުގެ އަމާޒަކީ ނޭޝަނަލް ޕޭ ފްރޭމް ވާރކާއެކު އެކި ދާއިރާތަކުގައި ހުރި މުސާރައިގެ ފަރަޤު ނައްތައިލައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަރައިގެން ދިޔުމުގައި ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބޭނެ ފަދަ ގޮތަކަށް މިފްރޭމްވޯކް އެކުލަވާލެއްވުމެވެ.