ޚަބަރު

ނަޢީމާގެ މަރު: މަނަދޫ މީހުންގެ ފިންގަރޕްރިންޓް ނަގަނީ


މިމަހުގެ 7 ވަނަ ދުވަހު ނ. މަނަދޫގައި މަރުވެފައި އޮއްވައި ފެނުނު އެރަށު އަންނާރުމާގެ ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަޙުޤީޤުކުރާ ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމުން އެ ރަށު ގިނަ ބައެއްގެ ފިންގަރޕްރިންޓް ނަންގަވަން ފަށްޓަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، މަނަދޫ ކައުންސިލްގެ ރައީސް ޢަބްދުއްރަޙްމާން ޞަބީހު ވިދާޅުވީ ނަޢީމާގެ މަރާ ގުޅިގެން އެރަށު ގިނަ ބައެއްގެ ފިންގަ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެެވެ. އަދި އެއީ ވަކި މީހަކަށް ތުހުމަތުކުރެވިގެން ކުރާ ކަމެއް ނޫންކަމަށާއި، އެކަމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް އަންގާފައިވާ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ނަޢީމާގެ މަރާ ގުޅިގެން ފުލުހުންގެ ތަޙުޤީޤް ޓީމެއް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ދަނީ އެ ރަށުގައި ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަޙުޤީޤާ ގުޅޭގޮތުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނަޢީމާގެ މަރުގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާ ކަމަށް ބަލައިގެންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ މީގެކުރިން ވެސް ނަގާފައެވެ.

ނަޢީމާގެ މަރާ ގުޅިގެން، ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރައި ފޭބުމާއި، އުޅަނދުފަހަރު އެ ރަށަށް ދަތުރު ނުކުރުމަަށްވެސް ވަނީ އަންގާފައެވެ.