ޚަބަރު

އިން ވަކިވުމުން ދެކުނުގެ މަސްކަނޑުތައް ޙިމާޔަތްކުރުމުގެ ބާރު ލިބިއްޖެ: މިނިސްޓަރ


ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަށަވަރުވުމުގެ ސަބަބުން ދެކުނުގެ މަސްކަނޑުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ބާރު މިހާރު ސީދާ ދިވެހި ސަރުކާރަށް ލިބިވަޑައިގެންފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެ އާއި މޮރީޝަސްގެ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލަ ރާއްޖެއަށް ކާމިޔާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ޗާގޯސް އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދުގެ އިން ވަކިވެ، އދ.ގެ ޤަރާރުތަކާ އެއްގޮތަށް ރާއްޖޭގެ ސަރަޙައްދު ކަނޑައެޅިގެން ދިޔުމަކީ ރާއްޖެއަށް ލިލިބުނު ތާރީޚީ ކުރިއެރުމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މީގެކުރިން ދެކުނުގެ ކަނޑުގެ ސަރަޙައްދުގައި އޮންނަނީ ސިޔާސީ ސަރަޙައްދެއްގެ ގޮތުގައިކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުން މަސްވެރިކަންކޮށްގެން އެފަދަ އުޅަނދުތައް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ހުރަސްކޮށް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދަށް ނިކުންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިންކަނޑައެޅުމުގެ ކުރިން ރާއްޖެއަށް ލިބިފައިވާ 12 މޭލު ހުރަސްކޮށް ބޭރަށް ދިއުމުން އެފަރާތްތަކަށް ފިޔަވަޅުއެޅުމަށް ކުރެވޭނެ އެއްވެސް ކަމެއް މީގެކުރިން ދިވެހި ސަރުކާރަކަށް ނޯންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ދިވެހިންގެ މާކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބާރު ދިވެހިންނަށް ލިބިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ރާއްޖެ މިނިވަންވީތާ މިވީ 58 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެން އެދިޔައީ. ބައިނަލްއަޤުވާމީ ކޯޓަކުން ނިންމީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދަކީ ކޮބައިކަން. މީގެކުރިން އެގޮތަށް ކަނޑަނޭޅި އޮތުމުން އެސަރަޙައްދު ބެލެހެއްޓުމަކީ ގޮންޖެހުން ބޮޑުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އިޓްލޮސްގެ ނިންމުމާ ގުޅިގެން ދިވެހި ކޯސްޓް ގާރޑުން ދެކުނުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"އެސަރަޙައްދުގެ މާކަނޑުތަކުން މީގެކުރިން މަސްވެރިކަން ކުރިނަމަވެސް ޙައްގެއް ނެތް، އިން ކަނޑައެޅިފައި ނެތުމާއެކު، އެމީހުން ބޭރަށް ޖެއްސޭނެ ގޮތެއްވެސް ނެތް. މިއަދުގެ ނިންމުމާއެކު ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފަސޭހަ ވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ދެޤައުމުގެ ކަނޑުގެ ސަރަޙައްދުގެ އިންވަކިކުރުމާއެކު ރާއްޖެއަކީ އިންވަކިކުރެވި އަމިއްލަ ސިޔާދަތީ ބާރު ޙިމާޔަތް ފުރިހަމަގޮތުގައި ލިބިފައިވާ ޤައުމަކަށްވީކަމަށް ސަރުކާރުން ވިދާޅުވެއެވެ. ރާއްޖޭގެ މާކަނޑުތައް ޙިމާޔަތްކުރުމަށް މީގެކުރިން ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންވަކިނުކުރެވި އޮތްއޮތުންކަމަށާއި، މިހާރު އެމައްސަލައަށް ވެސް ޙައްލެއް ލިބުނީކަމަށް ސަރުކާރުން ވިދާޅުވިއެވެ.