ޚަބަރު

ކޫއްޑޫ މަސްބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި


ކޫއްޑޫގެ މިފްކޯ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި ޕްރޮޖެކްޓްގައި ބަނދަރަށް ޖާގަ އިތުރުކުރުމާއި، މިހާރު ބޭނުންކުރާ ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ.

ކޫއްޑުއަކީ ދެކުނުގައި ސިނާޢީގޮތުން އެންމެ މުހިންމު ރަށެވެ. ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ޢާމްދަނީ ހޯދުމަށް ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަމެވެ. ކޫއްޑުއަކީ މަސްވެރިން ބާނާ މަސް ކިރުވައި، މަސް ޕްރޮސެސްކުރާ މިފްކޯގެ ފެކްޓްރީ ހުންނަ ރަށެވެ.

ކޫއްޑޫގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 300 ފޫޓު ކުޑަ ބަނދަރެކެވެ. މިއީ މިފަދަ ޚިދުމަތަކަށް ނިސްބަތުން ވަރަށް ކުޑަ ބަނދަރެކެވެ. މި ބަނދަރަށް އެއްފަހަރާ ކައިރިކޮށް ޚިދުމަތް ހޯދެނީ ތިންވަރަކަށް އުޅަނދަށެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން މަސް އޮޑިފަހަރަށް ޚިދުމަތް ދިނުމުގައި ވެސް ލަސްތައް ކުރިމަތިވެއެވެ. ދެކުނުގެ މަސްވެރިކަން ޒަމާނީވެ ފުޅާވަމުން އައިނަމަވެސް، ކޫއްޑޫ މަސް ފެކްޓްރީގެ ޚިދުމަތްތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ކޫއްޑޫ ބަނދަރަކީ މަސްވެރިންނަށް ފަސޭހައިން ކައިރިކޮށް ޚިދުމަތް ލިބޭ ބަނދަރަކަށް ހައްދަވައިދެއްވުމަކީ ސަރުކާރުން މަސްވެރިންނަށް ވެވަޑައިގެންނެވި މުހިންމު ވަޢުދެކެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ވަނީ ޙަވާލުކުރައްވައިފައެވެ.

ޕްރޮޖެކްޓްގެ އީއައިއޭގެ މަސައްކަތްތަކަށްފަހު، އެ ޕްރޮޖެކްޓް ކޫއްޑޫގައި ފެށުމަށް ބޭނުންވާ ވެހިކަލްއާއި ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވިއެވެ. އަދި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

ކޫއްޑޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގައި ބަނދަރަށް އިތުރު 365 މީޓަރުގެ އެއްގަމު ތޮއްޓެއް އިތުރުކުރުމާއި، މިހާރު ބޭނުންކުރާ 300 ފޫޓުގެ ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުން ހިމެނެއެވެ.

އަލަށް އިތުރުކުރާ ބަޔާއެކު ބަނދަރު ގާތްގަނޑަކަށް 1500 ފޫޓުގެ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރެވޭނެއެވެ. މީގެއިތުރުން ބަނދަރު ފުންކުރުމާއި، 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ސްލިޕްވޭއެއް ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެކުންފުނިން ވިދާޅުވީ، މި ސްލިޕްވޭގެ ސަބަބުން މިފްކޯގެ އުޅަނދުތަކުގެ މެއިންޓަނަންސް ކަންކަން ބެލެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމަށެވެ.

ގިނައިން މަސް ބާނާ ދުވަސްވަރު ދުވާލެއްގެ މައްޗައް 20 ނުވަތަ 25 ދޯނި ކޫއްޑޫ ފަޅަށް މަސްކިރުމަށް ވަންނަކަމަށް މިފްކޯއިން ވިދާޅުވެއެވެ. އައު ބަނދަރާއެކު ކޫއްޑޫ ފެކްޓްރީން އެއްފަހަރާ ޚިދުމަތް ދެވޭ ދޯނިތައް އިތުރުވެ، ބަނދަރުގެ ޖާގައިގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ.

ކޫއްޑޫގައި މިފްކޯއިން ހިންގާ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވާފައިވަނީ 78.37 މިލިއަން ރުފިޔާއަށެވެ.