ޚަބަރު

މީމު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ފަށައިފި


މުލަކަތޮޅުގައި ތަރައްޤީކުރާ "މީމު އެއަރޕޯޓް"ގެ ރަންވޭގެ މަސައްކަތް ފަށައިފިއެވެ.

މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ.

މ.އަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް ސަރަޙައްދުތަކުން އެއް ސަރަޙައްދެވެވެ. އެއަރޕޯޓް ތަރައްޤީކުރަނީ އަތޮޅުގެ ވެރިކަންކުރާ ރަށް މުލީގައެވެ. މީމު އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ތަރައްޤީކުރާ އެއަރޕޯޓް މަސައްކަތަށް ރަށުގެ ފަޅުން އިތުރު 14 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން އެއަރޕޯޓްގެ ފަޔަރ ބިލްޑިންގެ %90 މަސައްކަތް ނިމިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

މީމު އެއަރޕޯޓްގެ ޓަރމިނަލް ބިލްޑިންގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

އާޒިމް ވިދާޅުވީ މީމު އެއަރޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން، އެއަރޕޯޓް ރަންވޭގެ ޢަމަލީ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ރަންވޭގެ މައި ތާރު ފަށަލައިގެ ކުރިން އަޅާ، އޭބީސީ ލޭޔަރގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަންވޭގެ މަސައްކަތް މުޅިން ނިންމުމަށް ގާތްގަނޑަކަށް 3މަސްދުވަހުގެ މުއްދަތެއް ހޭދަވާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެ ކުންފުނިން އަމާޒުކޮށްފައިވަނީ މީމު އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް މިއަހަރުގެ އޮގަސްޓްމަހު ނިންމުމަށެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢުއަކީ 221 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ.

މ.އަތޮޅަށް މިހާރު ދަތުރުކުރަނީ ލޯންޗުފެރީތަކުގައެވެ. އެއަރޕޯޓާއެކު ދަތުރުފަތުރު ލުއިވުމުގެ އިތުރުން، ރަށަށް އިޤްތިޞާދީ ބޮޑު ބަދަލެއް އަންނާނެކަމަށް ރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ.