ދުނިޔެ

އިސްރާއީލަށް ޙަމަލާދޭ ފަލަސްޠީނު މީހުން އަރުވާލަނީ


އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންނަށް ޙަމަލާދޭ ފަލަސްތީނު މީހުންގެ ޢާއިލާތަކުގެ މެންބަރުން ޣައްޒާއަށް އަރުވާލުމާމެދު ވިސްނަމުންދާކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަތަންޔާހޫ މިހެން ވިދާޅުވީ މިކަމާބެހޭގޮތުން ޤާނޫނީ ލަފައެއް ހޯދުމަށް އިސްރާއީލުގެ ބަންޑާރަ ނާއިބު އަވިޗާއި މަންޑެލްބްލިޓްއަށް ފޮނުއްވި ސިޓީއެއްގައެވެ.

މިސިޓީގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ޒުވާނުން އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންނަށް އަމާޒުކޮށް ދޭ ވަޅީގެ ޙަމަލާތައް އާދަޔަޚިލާފަށް އިތުރުވަމުންދާކަމަށެވެ. މިކަމަކީ މިވަގުތު އިސްރާއީލަށް ކުރިމަތިވެފައިވާ ސަލާމަތީ އެންމެ ބޮޑު ގޮންޖެހުންކަމަށްވެސް ނަތަންޔާހޫ ވަނީ ސިފަކުރައްވާފައެވެ. އެސިޓީގައި ނަތަނިޔާހޫ އިސްރާއީލުގެ ބަންޑާރަ ނައިބު ގެ ކިބައިން އެދިވަޑައިގެންފައިވަނީ އިސްރާއީލު މީހުންނަށް ވަޅިން ޙަމަލާދޭ ފަލަސްތީނު ޒުވާނުންގެ އާއިލާތަކަށްވެސް އަދަބު ދިނުމުގެގޮތުން އެމީހުންގެ އާއިލާގެ މެންބަރުން ފަލަސްތީނުގެ ސަރަހައްދެއް ކަމަށްވާ ޣައްޒާއަށް ދިގުމުއްދަތަކަށް އަރުވާލަން ގަސްދުކުރައްވާކަމަށާ މިއީ ގާނޫނީ ގޮތުން ކުރެވިދާނެކަމެއް ކަމާމެދު އޭނާއަށް ލަފާ ދެއްވުމަށެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ ފަލަސްތީނުގެ ޒުވާނުން އިސްރާއީލުގެ ޔަހޫދީންނަށް ވަޅިން ދޭ ޙަމަލާތައް ހުއްޓުވިދާނެކަމަށްވެސް ނަތަނިޔާހޫ ވިދާޅުވިއެވެ. 

ނަތަންޔާހޫގެ މިހަރުކަށި ވިސްނުމާބެހޭގޮތުން ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ވާސިލް އަބޫ ޔޫސުފް ވިދާޅުވީ ނަތަނިޔާހޫގެ މިސިޔާސަތަކީ މުޖްރިމުންގެ ސިޔާސަތެއްކަމަށެވެ. އަދި މިހުރިހާ މައްސަލައެއްގެވެސް އަސްލަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން ފަލަސްތީނުގެ ރައްޔިތުން އަޅުވެތި ކޮށްގެން އޮންނަ އޮތުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލު، ފަލަސްތީނުގެ ބިންތަކުން ފައިބައި ފަލަސްތީނަށް މިނިވަންކަން ދީފިނަމަ އިސްރާއީލަށްވެސް އަދި ފަލަސްތީނަށްވެސް އަމާންކަމުގައި އޮވެވޭނެކަމަށް އަބޫޔޫސުފް ވިދާޅުވިއެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ "ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން" (ޕީ.އެލް.އޯ) ގެ މެންބަރެއްކަމަށްވާ އަބޫޔޫސުފް ވިދާޅުވީ ނަތަންޔާހޫ ގެ ވިސްނުން އަދިވެސް ހުރީ ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދު، ބާރުގެ ބޭނުންކޮށްގެންނާއި އަނިޔާވެރިކަން ކުރިޔަށް ނެރެގެން ހުއްޓުވުމަށް ކަމަށާ ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭހާހިނދަކު ފަލަސްތީނުގެ ޖިހާދު ނުހުއްޓުވޭނެ ކަމަށް އަބޫޔޫސުފް ވިދާޅުވިއެވެ.

"މިއަދު އޭނާ ދައްކަމުން މިގެންދަނީ ފަލަސްތީނުގެ ޝަހީދުންގެ އާއިލާތައް ޣައްޒާއަށް އަރުވާލާ ވާހަކަ، އޭނާގެ މިހުށަހެޅުމަކީ ޖަމާއީކޮށް މީހުންނަށް އަނިޔާކުރުމާއި ނަސްލު ސާފުކުރުމުގެ އަމަލެއް، މި ކްރިމިނަލް ސިޔާސަތާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައުން އެއްޗެއް ނުބުނެ ހިމޭނުން ތިބުމަކީ ކޮށްގެންވާނެކަމެއް ނޫން".އަބޫޔޫސުފް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރަމުން ގެންދާ މިނިވަން ކަމުގެ ޖިހާދު މިހާރުވަނީ މުޅިން އައު މަރްހަލާއަކަށް ވަދެފައެވެ. މިމަރްޙަލާގައި ފަލަސްތީނުގެ ޒުވާނުން އިސްރާއީލުގެ އުދުވާނީ ސިފައިންނާ އަދި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ޒަޔަނިސްޓް ވަޒަންވެރިންނަށް ހަމަލާ ދެމުން ގެންދަނީ ވަޅި އާއި އެނޫންވެސް ތޫނު ތަކެތި ބޭނުންކޮށްގެން. މިކަން ހުއްޓުވުމުގައި އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކާއި ބާރުގަދަ ހަތިޔާރުތައް ނުކުޅެދިފައިވާއިރު މިކަމުގެ ސަބަބުން މުޅި އިސްރާއީލުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި ފަލަސްތީން ޒުވާނުންގެ ވަޅީގެ ޙަމަލާތަކަށް ބިރުން ޔަހޫދީންގެ އެތަށް ބަޔަކު އިސްރާއީލު ދޫކޮށް ވިލާތަށާއި ޔޫރަޕަށް ހިޖްރަކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.