ޚަބަރު

ކުންފުނިތަކާއި ސަރުކާރަށް ވެސް ފްލެޓުދެވޭނީ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން: އަސްލަމް


ކުންފުނިތަކާއި، ސަރުކާރަށްވެސް ފްލެޓުދެވޭނީ އެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލްތަކާއި މިންގަނޑުގެ ތެރެއިންކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރބަންކޯގެ ބޯޑް މެންބަރުންނާއި، އެހެންވެސް ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވާހެން އެކުންފުނީގެ 34 މުވައްޒަފަކަށް ފްލެޓް ދިނުމަށް ނިންމަވާފައިވާކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން، މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ..

ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ކުންފުނިތަކާއި، ސަރުކާރުވެސް ހިމެނޭހެން ފްލެޓްތައް ދެވޭނެ ކްރައިޓީރިއާތައް ކަނޑައަޅައި، އުޞޫލެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އެ އުޞޫލުގައި ސޯޝަލް ހައުސިންގ ކެޓަގަރީތަކައް މާކްސްލިބޭނެގޮތާއި، އެފޯޑަބަލް ހައުސިން ކެޓަގަރީ، އަޕަރހައުސިންގ ކެޓަގަރީއަށް މާކްސް ލިބޭނެ ގޮތްވެސް ވަރަށް ތަފްޞީލްކޮށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިން ލިބޭ ފަރާތްތަކަށްވެސް ފްލެޓް ލިބޭނީ އެ އުޞޫލުގެ ތެރެއިން ހަމަޖެހިފައިވާ ކްރައިޓީރިއާގެ ތެރެއިންކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅޭގޮތުން ދެކެވޭ ވާހަތަކާ ގުޅިގެން އެކުންފުޏަށް ވެސް އެއުޞޫލުން ފްލެޓްތައް ދޭން އަންގާފައިވާނެކަމަށް ވިދާޅުވިއެވެ. ކުންފުނިތަކުން އެކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޢިމާރާތްކުރާ ފްލެޓްތަކުގައިވެސް އަދި އެނޫން ގޮތްގޮތުން ހަމަޖެހޭ ފްލެޓްތައްވެސް ލިބެންޖެހޭނީ މި ކްރައިޓީރިއާގެ ތެރެއިންކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ސޯޝަލް ކެޓަގަރީއަށް ފެތޭ މީހަކަށް ސޯޝަލް ހައުސިންއެއް ލިބެންޖެހޭނީ. އަދި ފްލެޓެއް ހުރި މީހަކަށްވެސް ފެލްޓެއް ލިބިގެން ނުވާނެ. އެހެންވީމާ އެއީ ސާފުކޮށް އަޅުގަނޑުމެން ބަޔާންކޮށްފަ، ކޮމިއުނިކެޓްކޮށްފަ އޮންނަ ކަމެއް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މުވައްޒަފުންނަށް ފްލެޓް ބެހިކަމަށް ބުނެ، ޝޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ލިސްޓަކީ ފޭކް ލިސްޓެއްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ އެ ކުންފުނިން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއެކު އިސްވެރިންގެ ލިސްޓެއްކަމަށް ބުނެ ޞައްޙަ ނޫން ލިސްޓެއް ކާކުކަން ނޭނގޭ އެކައުންޓަކުން، މީސްމީޑިއާގައި ދައުރުކުރަމުން ދަނީ ކަމުގެ ޙަޤީޤަތް އޮޅުވާލައި، ކުންފުނީގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކާއި، ޚާއްޞަކޮށް އާންމުންނާ ގުޅިފައިވާ މިފަދަ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާއި ޤަވާޢިދުގެ ތެރެއިންކަމަށް ވެސް އާބަންކޯއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ އެއްވެސް ޙައްޤަކަށް އުނި ކަމެއް އަންނާނެ ކަމެއް އަދި ޙައްޤެއް ނިގުޅައިގަނެވޭނެ ފަދަ އެއްވެސް ޢަމަލެއް ނުކުރާނެ ކަމަށްވެސް އެ ބާޔާނުގައި ވަނީ ބުނެފައެވެ.