ޚަބަރު

ދައުލަތަށް ލިބެންޖެހޭ 1.3 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޯދައިފައިވޭ: އޭސީސީ


ދައުލަތަށް އަނބުރާ ލިބެންޖެހޭ 34.6 މިލިޔަން ރުފިޔާގެ ތެރެއިން 1.3 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯއްދަވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އޭސީސީން ވިދާޅުވީ މިއީ މިދިޔަ އަހަރު އެ ކޮމިޝަނުން ބެލި އެކި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ފައިސާކަމަށެވެ.

2022 ވަނަ އަހަރު އޭސީސީއަށް 758 ޝަކުވާ ހުށަހެޅިކަމަށާއި އޭގެތެރެއިން 486 މައްސަލަ ރަޖިސްޓްރީކުރައްވައިފައިވާ ކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި މިދިޔަ އަހަރު އޭސީސީން ވަނީ 434 މައްސަލައެއް ބައްލަވައި ނިންމަވައިފައެވެ. މި ޢަދަދަކީ 2021 ވަނަ އަހަރާ އަޅާބަލާއިރު %14 އިތުރު އަދަދެކެވެ.

2022 ވަނަ އަހަރު ދަޢުވާ ކުރުމަށްޓަކައި ޑިއުޓީ ޕްރޮސެކިއުޝަން މަރުޙަލާއަށް 49 މައްސަލައެއް އޭސީސީން ހުށަހެޅުއްވިއެވެ. އަދި އަހަރު ނިމުނުއިރު ޑިއުޓީ ޕްރޮސެކިއުޝަނުގައި 73 މައްސަލައެއް ދިޔައީ ހިނގަމުންނެވެ.

އޭސީސީން ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް 25 މައްސަލަކާ ގުޅިގެން 75.2 މިލިޔަން ރުފިޔާ ހޯދަން އެދުމަށް ނިންމާފައެވެ. މީގެތެރެއިން 18 މައްސަލައެއްގައި 35.3 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯއްދެވުމަށް އިދާރާތަކަށް ހުށަހަޅުއްވާފައިވެއެވެ.

އޭސީސީން ވަނީ އެކޮމިޝަންގައި ދައުލަތުން ގެއްލޭ ފައިސާ ހޯއްދެވުމުގައި އަމަލުކުރާ މިންވަރު ބަލާ ޚާއްޞަ ސެކްޝަނެއްވެސް މިދިޔަ އަހަރު އެކުލަވާލާފައެވެ. މިސެކްޝަނުން ކުރެއްވި މަސައްކަތުން 28 މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ 34.6 މިލިޔަން ރުފިޔާގެ ތެރެއިން 1.3 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް އަނބުރާ ހޯއްދަވައިފައިވާކަން ކަށަވަރުކުރައްވައިފައެވެ. ދައުލަތަށް އިދާރާތަކުން ލިބެންޖެހޭ ފައިސާ ހޯއްދެވުމުގެ ޒިންމާއަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ.

އޭސީސީގެ ޤާނޫނީ ޒިންމާގައި އޮންނަ ދައުރަކީ މައްސަލަ ތަޙްގީގުކުރެއްވުމަށްފަހު އެފައިސާ، ހޯދަން ކަމާ ގުޅުންހުރި އިދާރަތަކަށް އެންގެވުމެވެ.

2022 ވަނަ އަހަރު އޭސީސީން ނިންމެވި ގިނަ މައްސަލަތަކަކީ ޕްރޮކިއުމަންޓާ ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ޕްރޮކިއުމަންޓާ ގުޅުންހުރި 167 މައްސަލަ ވަނީ ނިންމަވައިފައެވެ. ދެން ހިމެނެނީ ވަޒީފާއާ ގުޅުންހުރި މައްސަލަތަކެވެ. މިދިޔަ އަހަރު ވަކޮމިޝަނުން ވަނީ ޒީފާއާ ގުޅުންހުރި 69 މައްސަލައެއްވެސް ނިންމަވާފައެވެ.

އޭސީސީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ އެ ކޮމިޝަނުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނުން ކޮށްފައިވާ ތަޙުޤީޤުތަކުގެ ތަފްޞީލާއި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން އެ ކޮމިޝަނުން ކޮށްފައިވާ ޚާއްޞަ މަސައްކަތްތައްވެސް ވަނީ ހިމަނުއްވާފައެވެ.