ޚަބަރު

ވެމްކޯއިން ވިއްކާ ކޮތަޅު ބޮނޑިތައް، 35 ރުފިޔާއާއި 165 ރުފިޔާއަށް


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިއްކާ "ބިންލައިނާ" ނުވަތަ ކުނި އެޅުމަށް ޚާއްޞަ ކޮތަޅު ވިއްކާ އަގުތައް އެކުންފުނިން ހާމަކުރައްވައިފިއެވެ.

ވެމްކޯއިން ކުނި އެޅުމަށް ހާއްސަ ކޮތަޅެއް ވިއްކަން ނިންމެވީ ކޮތަޅުން ފީއެއް ނަގަން ފެށުމުން، ކުނި އަޅާ ކޮތަޅުވެސް ގަންނަންޖެހުމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ވެމްކޯއިން ވިދާޅުވީ އަންނަ ބުރާސްފަތިދުވަހުން ފެށިގެން ކޮތަޅު ވިއްކަން ފަށްޓަވާނޭކަމަށެެވެ. ވެމްކޯއިން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 3 ސައިޒެއްގެ ކޮތަޅުތަކެކެވެ. އަދި އެކުންފުނިން މިހާރު ވަނީ ކޮތަޅުތައް ވިއްކަން ނިންމަވާފައިވާ އަގުތައް ހާމަކުރައްވާފައެވެ.

1- (L) ލާޖް ކޮތަޅު 11 އިންޗި - 100 ކޮތަޅުގެ ބޮނޑިއެއް 35 ރުފިޔާއަށް
2- (XXL) ކޮތަޅު 17 އިންޗި - 100 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް
3- (XXXL) ކޮތަޅު 27 އިންޗި - 50 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް

ވެމްކޯއިން ވިއްކާ ކޮތަޅުތައް ފެހި ކުލައާއި ކަޅު ކުލައިގައި ހުންނައިރު މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދު ކުރަންވާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައި ކޮތަޅުގައިކަމަށް ވެމްކޯއިން ވަނީ އަންގަވާފައެވެ. އަދި މި ކޮތަޅުތައް ހަމައެކަނި ކުނި އުކާލުމަށް ބޭނުންކުރެއްވުމަށްފަހު އެ ކުންފުނިން އިލްތިމާސްކުރައްވައެވެ.

ވެމްކޯއިން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ވެމްކޯ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ލިބެން ހުންނާނެކަމަށެވެ. މީގެއިތުރުން ހޯލްސޭލް އަދި ރީޓެއިލްކޮށް އެ ކޮތަޅު ރައްޔިތުންނަށް ވިއްކަން ޝައުޤުވެރިވާ ވިޔަފާރިތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އާއްމު މުއާމަލާތްތަކުގައި އަދި އެހެން ކަންކަމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ލާޒިމްވިނަމަވެސް، ކުނި މެނޭޖްކުރުމާއި ގުޅޭ މަސައްކަތްކުރާ ފަރާތްތަކުން ފޯރުކޮށްދޭ ކޮތަޅުން ފީ ނެގުން ވަނީ އިސްތިސްނާކުރައްވާފައެވެ. އެހެންކަމުން ވެމްކޯއިން ވިއްކާ ކޮތަޅުން ފީއެއް ނުނަގާނެއެވެ.