ވިޔަފާރި

ފަތުރުވެރިންގެ ނަންބަރުތައް އިތުރުވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް


ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް ބޮޑުވެފައިވާކަމަށް ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރުއީ) އިން ބުނެފިއެވެ. ސީބީއާރުއީ އަކީ ކޮމާޝަލް ރިއަލްއެސްޓޭޓް ވިޔަފާރީގެ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ.

ސީބީއާރުއީ އިން ވަނީ ކޯވިޑް19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މުޅި އޭޝިއާ ސަރަޙައްދަށް ބަލާއިރުވެސް ރާއްޖެއަކީ ކޯވިޑަށްފަހު ފަތުރުވެރިކަން އެންމެ ބާރަށް ކުރިއަރަމުންދާ މަންޒިލްކަން ވަނީ ފާހަގަކޮށްފައެވެ.

ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައިއިރު، 2020 ވަނަ އަހަރު ކޯވިޑާއިއެކު މި ޢަދަދު ވަނީ 6 ލައްކައަށް ދަށްވެފައެވެ. ނަމަވެސް 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތައް އަނެއްކާވެސް ވަނީ ކޯވިޑްގެ ކުރިން ހުރި މިންވަރަށް އިއާދަވެފައިކަމަށް ސީބީއާރުއީ އިން ވަނީ ބުނެފައެވެ. އެހެންކަމުން މިއީ އިންވެސްޓަރުންގެ ޝަޢުގު ރާއްޖެއާއި ދިމާލަށް ހުރި ސަބަބެއްކަމަށް ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 626،392 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %18.8 އިތުރު ޢަދަދެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ ޢަދަދުވެސް އިތުރުވެފައިވާކަން ސީބީއާރުއީ އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ 6.2 ދުވަހެވެ. ނަމަވެސް މިހާރު މި ޢަދަދު ހުރީ 8 ދުވަހުގައެވެ.

ސީބީއާރުއިން ބުނީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ޓޫރިޒަމަށް ބޮޑު އިސްކަމެއް ދިނުމަކީވެސް އިންވެސްޓްމަންޓަރުންގެ ސަމާލުކަން ރާއްޖެއަށް ލިބުނު ސަބަބެއްކަމަށް ވެފައިވާކަމަށެވެ. އަދި ސަރަޙައްދުގެ އެންމެ މަޤްބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލް ކަމަށްވާ އިންޑޮނޭޝިއާގެ ބާލީ އަށް ވުރެ ބޮޑަށް ރާއްޖޭގައި ޓޫރިޒަމްގެ މަޝްރޫޢުތައް ހިންގުމަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

ފަތުރުވެރިން ރާއްޖެ އައިސް ރާއްޖެއިން ލިބޭ ތަޖުރިބާގެ ސަބަބުން ރާއްޖެއަކީ އެއްފަހަރަށްވުރެ ގިނައިން ފަތުރުވެރިން އަންނަ ނުވަތަ ރިޕީޑެޓް ފަތުރުވެރިން ގިނަ ޤައުމެއްގެ ގޮތުގައިވެސް ސީބީއާރުއީ އިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެހެންނަމަވެސް މިހާރު މިއަށްވުރެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރެވެއެވެ. ސަބަބަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމު ޗައިނާއިން އަލުން މިއަހަރު ރާއްޖެއަށް ދަތުރު ފެށުމެވެ.

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. ޗައިނާ މިހާރު އޮތީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.