ވިޔަފާރި

އެމް.ޑަބްލިއު.އެސް.ސީން މޮބައިލް ޕްލާންޓް ތަކެއް ޤާއިމްކުރަނީ


 ޤައުމީ ފެން ކުންފުނި އެމް.ޑަބްލިއު.އެސް.ސީގެ އޮޕަރޭޝަން ސެންޓަރުތައް ހުރި ސަރަހައްދުތަކުގައި، ފުޅީގައި ފެން ބަންދުކުރާނެ މޮބައިލް ޕްލާންޓުތަކެއް ޤާއިމްކުރުމަށް ދިރާސާތައް ކުރަމުންގެންދާކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ޤައުމީ ފެން ކުންފުންޏަށް ވާއިރު ރައްކާތެރި ބޯފެން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ ޒިންމާއެއް ކަމުގައި ދެކޭކަމަށެވެ. އެގޮތުގެ މަތިން ފުޅީގައި ބޯފެން ބަނދުކުރެވޭނެ މޮބައިލް ބޮޓެލިންގ ޕްލާންޓުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމް ކުރުމަށް ފީސިބިލިޓީ ސްޓަޑީޒްތަކެއް ހަދަމުން އަންނަކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ތަޖުރިބާކުރުމުގެ ގޮތުން މިފަދަ ޕްލާންޓެއް ރ. ދުވާފަރުގައި މިއަހަރު ބަހައްޓައި ބޭނުން ކުރަން ފެށޭވަރު ވާނެކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގެ ސްޓަޑީޒްތައް ނިމުމާއިއެކު މޮބައިލް ޕްލާންޓުތަށް ބަހައްޓާނެ ރަށްތައް ކަނޑައަޅައި އަންނަ އަހަރުތެރޭ މި މަޝްރޫޢަށް އިންވެސްޓް ކުރަން ހަމަޖެހިފައި ވާކަމަށް އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އެމް.ޑަބްލިއު.އެސް.ސީން އުފައްދާ ފެން، ފުޅީގައި ބަންދުކުރުމުގެ މަސައްކަތް ކުރަނީ އެކުންފުނީގެ ސަބްސިޑަރީ ކުންފުނި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އައި.ބީ.އެމުންނެވެ. އެގޮތުން އައި.ބީ.އެމުން މި ހަފްތާތެރޭވަނީ އެކުންފުނިން މާލޭގައި ޤާއިމްކުރި އެންމެ ބޮޑު ބޮޓެލިންގ ލައިން، ނުވަތަ ފުޅީގައި ފެންބަންދުކުރާ ނިޒާމްގެ މަސައްކަތް އިފްތިތާހް ކޮށްފައެވެ. އެއީ ގަޑިއަކު، 5 ލިޓަރުގެ 4000 ފުޅި ބަންދުކުރެވޭ ބޮޓެލިންގ ލައިނެކެވެ.