ކުޅިވަރު

އޭދަފުށީ ފުޓްސަލް ކަޕް: ސީސީއަށް ބޮޑު މޮޅެއް، އެފްރޯއަށް އަމިއްލަ ބާރު ގެއްލިއްޖެ


ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕް 2023 ގައި ސީސީ ސްޕޯޓްސްއިން ފަސޭހަ މޮޅެއް ހޯދިއިރު، އެންމެ ޒުވާން ޓީމު އަތުން ބަލިވެ އެފްރޯ ސްޕޯޓްސްއަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ފޯރިގަދަ ހަތަރު މެޗެއް ހޮނިހިރު ދުވަހުގެރޭ ކުޅުނު އިރު ފުރަތަމަ މެޗްގައި ނަލަ ބްރަދާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޔުނައިޓެޑްވީ ވަނީ މުބާރާތުން ކަޓާފައެވެ. މިމެޗުން ނަލަ ބްރަދާސް މޮޅުވީ 3-0 ންނެވެ. ޔުނައިޓެޑްވީ މުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާއިރު ގްރޫޕްގެ އެއްވަނަ ލިބޭނީ މި ގްރޫޕްގައި އާދީއްތަ ދުވަހުގެރޭ ނަލަބްރަދާސް އާ މުރިނގުއެފްސީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗަކީ މިހާތަނަށް މި މުބާރާތުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗެވެ. މި މެޗްގައި ބައްދަލުކުރީ އޭދަފުށީގެ ފުޓްސަލްގެ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެފްރޯ ސްޕޯޓްސްއާ އަރަމުން އަންނަ އުމުރުން 18 އަހަރުގެ ގިނަ ކުޅުންތެރިން ހިމެނޭ އޯލް-ވޯލްސްއެވެ. މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕްގައި އޮތް އޯލްވޯލްސް އެފްރޯގެ މައްޗައް ކުރި ހޯދީ 2-1 ގެ ނަތީޖާއާކުންނެވެ.

މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެފްރޯއިންނެވެ. ޕެނެލްޓީއަކުން އެލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ފާސިރެވެ. ވޯލްސް ޓީމުން ނަތީޖާ ހަމަކުރީވެސް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ތޯހިރެވެ. އަދި މެޗުން މޮޅުވީ ފަހުވަގުތުގައި އެ ޓީމްގެ މުހައްމަދު ރައްފާން ކާމިޔާބުކުރި ރީތި ލަނޑާއެކުއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު ތިންވަނަ މެޗްގައި އެފްސީ ސްވައިޕްވަޔާއާ ދެކޮޅަށް ކުޅުނު މެޗުން ސީސީ ދަ ރެޑްސް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު މިގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ސީސީ ދަރެޑްސް ވަނީ ދަތުރުކޮށްފައެވެ. މި ގްރޫޕުން ދެވަނަ ލިބޭނީ އާދީއްތަ ދުވަހުގެރޭ އެއިޓީފޯ އެފްސީ އައި ސްވައިޕްވަޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ހޮނިހިރު ދުވަހުގެރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ސީސީ ސްޕޯޓްސް ކްލަބާއި ކައްކަނި އެފްސީއެވެ. މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ސީސީން މިމެޗް ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ. ސީސީ ޓީމްގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އައިހަމާއި މުހައްމަދު އިޔާދު އަލީއެވެ. މި ދެ ކުޅުންތެރިންވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދާފައެވެ.

މިނަތީޖާއާއެކު ކައްކަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.