ވިޔަފާރި

އޫރިދޫއިން މޮބައިލް މަނީގެ ޙިދުމަތް ތަޢާރަފްކޮށްފި


މޮބައިލް ފޯނު ބޭނުން ކޮށްގެން ފައިސާގެ ހުރިހާ މުޢާމަލާތްތަކެއް ހިންގޭ "މޮބައިލް މަނީ" ގެ ޚިދުމަތް އުރީދޫން މިއަދު ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދެވެ. މި ޚިދުމަތް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ މިޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ޚިދުމަތެއް ކަމުގައެވެ.

މޮބައިލް މަނީގެ ޚިދުމަތަކީ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، މޮބައިލް ފޯނު މެދުވެރިކޮށް، އެކި ވިޔަފާރީގެ މުޢާމަލާތްތަކަށް ފައިސާ ދެއްކޭ ނިޒާމެކެވެ. މި ޚިދުމަތް ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ވިޔަފާރިތަކަށްވެސް ފައިސާ ދެއްކުމުގެ މަގު ވަނީ ފަހިވެފައެވެ. އުރީދޫން ބުނީ ކަސްޓަމަރުންނަށް އެ ޚިދުމަތް ހުޅުވާލުމަށް އަދި ދެހަފްތާ ނަގާނެކަމަށެވެ.

އުރީދޫން މޮބައިލް މަނީ ނުވަތަ "މޮބައިލް ވޮލެޓް" ގެ ޚިދުމަތް ތަޢާރަފުކުރީ 1.5 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އުރީދޫ މޯބައިލް މަނީ" ގެ ޚިދުމަތް އުރީދޫން ދެނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ ގުޅިގެނެވެ.