ޚަބަރު

ތިލަފުށީ ބަލްކު ޕޯޓް ތަރައްޤީކުރަން ފުރުޞަތު ހުޅުއްވައިލައްވައިފި


މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހޙައްލުކުރުމަށް ތިލަފުށީގައި ޤާއިމުކުރައްވާ ބަލްކް ޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯއްދެވުމަށް އިޢުލާންކުރައްވައިފިއެވެ.

މި ޕޯޓު ތަރައްޤީކުރައްވަން ހަމަޖެހިފައިވަނީ ބޮޑެތި ކާގޯ އުޅަނދުފަހަރަށް ފަސޭހައިން ޚިދުމަތްދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ.

ތިލަފުށީގައި ބޯޑެތި އުޅަނދުފަހަރަށް ޚިދުމަތް ދޭނެ ޕޯޓެއް ހެއްދެވުމަށް ނިންމަވައި މޯލްޑިވްސް ޕޯޓް ލިމިޓެޑް، އެމްޕީއެލްއިން މިހާރު ވަނީ އެ މަސައްކަތް ކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމް.ޕީ.އެލްއިން ބުނީ ތިލަފުށީގައި މިފަދަ ޕޯޓެއް ތަރައްޤީކުރުމުގެ ބޭނުމަކީ ބޮޑެތި ބަލްކް ކާގޯ އުޅަނދުތަކާއި ކޮންޓެއިނަރު ކާގޯ އުފުލާ އުޅަނދުފަހަރު ބެހެއްޓޭނެ ޒަމާނީ، ވަރުގަދަ، އަދި ދެމެހެއްޓެނިވި ބަނދަރެއް ޤާއިމުކުރުންކަމަށެވެ. މި ޕޯޓްގެ ޓާމިނަލަކީ ހިލަ، ހިލަވެލި އަދި ދަނގަޑު ފަދަ ސާމާނު އެތެރެކޮށް، ރާއްކާކުރާ ޓާރމިނަލެކެވެ.

މި ޕޯޓް ތަރައްޤީކޮށް ނިމުމުން މިހާރު މާލޭ ވިޔަފާރި ބަނދަރުން ލިބެމުންދާ ހުރިހާ ޚިދުމަތްތައް ވަގުތީ ގޮތުން ލިބެމުންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ޕޯޓްގެ 7 ހެކްޓަރުގެ ސަރަޙައްދެއް ޚާއްޞަކުރާނީ ޓަރމިނަލުގެ އޮޕަރޭޝަންތަކަށެވެ. އަދި 1.4 ހެކްޓަރުގެ ސަރަޙައްދަކީ މުދާތައް ރައްކާކުރުމަށް ހަދާ ގުދަންތަކަށް ޚާއްޞަ ޖާގައެކެވެ. އެހެން ޕޯޓުތަކާ އެއްގޮތަށް މި ޕޯޓުގައިވެސް ހުރިހާ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަމަޖެހިފައިވާކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ޓަރމިނަލަކާއި ގުދަންކުރާ ޖާގައާއި، ޕޯޓް ސަރަޙައްދުގެ މަގުތައް ތަރައްޤީކުރުމާއި، ވަދެނިކުތުމަށް ޚާއްޞަ ގޭޓުތަކާއި ސެކިއުރިޓީ ޕޯސްޓްތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކާގޯ ހޭންޑްލިންގ އިކުއިޕްމަންޓްތަކާއި ކާގޯ ސްކޭނިންގ އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ކަމިޝަން ކުރުން ހިމެނެއެވެ.

އެމް.ޕީ.އެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިޓަރމިނަލުގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި މިތަން ބޭނުންކުރަން ފެށުންކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ތިލަފުށީގައި ބަލްކް ޓާރމިނަލެއް ތަރައްޤީކުރުމުގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރުގައި ޖާގަ އިތުރުކުރުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޕޭވިން ބޮޑުކުރުމާއި، ބިންގަނޑު ލެވަލްކޮށް، ގައު އެތުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރަށް މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ގޮތުން ގުޅީފަޅުން ބިން ހިއްކަން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މަސައްކަތުގެ ދަށުން ގުޅީފަޅު ހިއްކުމަށާއި، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ބަޖެޓްގައި ކަނޑއަޅާފައެވެ.