ޚަބަރު

ރަސްދޫ ހައުސިން މަޝްރޫޢު މިމަހު ބަޔަކާ ޙަވާލުކުރަނީ


އއ.ރަސްދޫގައި އެޅުމަށް ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް، މިމަހުގެ ތެރޭގައި ކޮންޓްރެކްޓަރާ ޙަވާލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ރަސްދޫގައި 50 ރޯހައުސް އެޅުމަށް ބަޔަކު ހޯއްދަވަން ފިނޭނެސް މިނިސްޓްރީން އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ. ނަމަވެސް މިހާތަނަށް އެމަސައްކަތް ކުންފުންޏަކާ ޙަވާލުކުރައްވައިފައެއް ނުވެއެވެ.

އއ. ރަސްދޫގައި އަޅުއްވަން ނިންމަވައިފައިވާ 50 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބުގެ ތަފްޞިލް ލިޔުމުން ހޯއްފދަވަން ހުށައެޅުއްވީ، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާންއެވެ. އެ ސުވާލުގައި ވަނީ، ރަސްދޫގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތައް ކޮންޓްރެކްޓަރާ ޙަވަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، ޢަމަލީ މަސައްކަތް ފަށާނެ ތާރީޚެއް އަދި އެ ތަނުގައި މީހުންނަށް އުޅެން ފެށޭވަރުވާނީ ކޮންއިރަކުތޯ ސާފުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އެ ސުވާލަށް ލިޔުމުން ހުށައެޅުއްވި ޖަވާބުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރަސްދޫ ހައުސިން މަޝްރޫޢު ބިޑަށް ހުޅުވާލާ އިވަލުއޭޓްކޮށް ކޮންޓްރެކްޓަރެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ބީލަމުގެ މަސައްކަތްތައް ނިންމާ، މި އޭޕްރިލް މަހުގެ ތެރޭގައި ޕްރޮޖެޓްގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަސްދޫއަކީ އާބާދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ.

2021ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރަސްދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ބޯހިޔާވަހިވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެއާއެކު ހައުސިން މަޝްރޫޢެއް ހިންގަވަން ނިންމަވާފައިވާކަމަށާ، އެމަސައްކަތް 2022ވަނަ އަހަރު ފަށްޓަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އާބާދީ އިތުރުވަމުން އައުމާއެކު ރަސްދުއަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. އަދި ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށްވުމާއެކު، މިހާރުވެސް ރަށުގައި ގޭގޭގައިވެސް ގެސްޓްހައުސް ހިންގަމުންއާދެއެވެ.