ޚަބަރު

ޞިއްޙީ ޚިދުމަތް ހޯދަން އާންމުކޮށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭގޮތަށް ހަދަނީ


  • ޚިދުމަތް ދޭނީ އެންސްޕާގެ އެހީތެރިކަމާއެކު

  • މިޚިދުމަތް ވަރަށް އަވަހަށް ފަށާނެ

ސިއްޙީ އެކިއެކި ޚިދުމަތްތަކަށް ދާއިމީކޮށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ އުމުރުން ދުވަސްވީ މީހުންނަށް މިހާރުވެސް އާރްޓީއެލްގެ ޚިދުމަތުގެ ތެރެއިން ހިލޭ ދަތުރުކުރެވެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްގެ ހައި ސްޕީޑް ފެރީގެ ޚިދުމަތަކީ، ބަރޯސާވެވޭ ނިޒާމެއްގެތެރެއިން އަގުހެޔޮކޮށް ދަތުރުކުރެވޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފަވާ ޚިދުމަތެކެވެ. މި ޚިދުމަތް މިހާތަނަށް 11 އަތޮޅެއްގައި ފަށާފަވާއިރު، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާއްމުންނަށް ލުއިފަސޭހަވާނެ ގޮތައް ބަދަލުތައް ގެންނަމުންދެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވީ އާއްމުންގެ ޚިޔާލުތަކާ އެއްގޮތަށް، ރައްޔިތުން ބޭނުންވާ ބަދަލުތަކާ އެއްގޮތަށް ޚިދުމަތަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި އަދި ދާއިމީ ބަލިތަކާ ގުޅިގެން، ގަވައިދުން ފަރުވާއަށް ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ އަދި އެމްޓީސީސީ ގުޅިގެންނެވެ.

"މިކަން ފެށުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ދަނީ. ޚިދުމަތް ފެށުމާ ވަރަށް ގާތަށް އާދެވިފަ ވަނީ. ބީއެމްއެލް ޚާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް. އެ ކަރޑް ބޭނުންކޮށްގެން، ބަލިމީހާއާއި އަދި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ. ވަރަށް އަވަހަށް ޚިދުމަތް ފަށާނަން" ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތްތަކަކީ ސަރުކާރުން މިހާރުވެސް ބޮޑު ސަބްސިޑީއެއްދީގެން ދެމުންގެންދާ ޚިދުމަތެކެވެ. އެގޮތުން އެޚިދުމަތަށް ސަބްސިޑީގެގޮތުގައި %70 ހޭދަ ކުރަމުންދެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ރޫޓުތައްވެސް ކަނޑައަޅާފަވަނީ، އާއްމު ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ރަށްތަކާ ކޮންމެ ރޫޓަކުންވެސް ފަސޭހައިން ގުޅޭގޮތަށެވެ. އެގޮތުން ސިއްޙީ ޚިދުމަތްތަކާ ސަރުކާރުގެ މުވައްސަސާތަކުން އަސާސީ ޚިދުމަތްތައް ހޯދުމަށް ފަހިވާގޮތަށެވެ.

އާރްޓީއެލްގެ ޚިދުމަތާ ގުޅޭގޮތުން ޒޯން1ގައި، 2023ވަނަ އަހަރު ކުރިއަށްގެންދިޔަ އިކޮނޮމިކް އިމްޕެކްޓް ސަރވޭގައި ބުނާގޮތުން، މި ޚިދުމަތާމެދު %93 މީހުން ހިތްހަމަޖެހެއެވެ. އަދި ސަރަޙައްދުގެ %83 މީހުން އާރްޓީއެލްގެ ޚިދުމަތް ހޯދައެވެ. މީގެއިތުރުން ދަތުރުފަތުރަށް އާއްމު ރައްޔިތުން ކުރާ ހޭދައިން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތްކުރެވުނުކަމަށް އެ ދިރާސާގައި ދައްކާފަވެއެވެ.

އެހެންކަމުން މި ޚިދުމަތަކީ އާއްމުންނާ ވީހާވެސް ރައްޓެހި، ބަރޯސާވެވޭ، ލުއިފަސޭހަ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.