ޚަބަރު

ހުޅުމީދޫ މިފްކޯ ބަނދަރު މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ


އައްޑޫ ސިޓީ ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިދިޔަ އަހަރު އެޕްރީލް މަހު މަސައްކަތް ފެށި، މިފްކޯ ބަނދަރު ފުން ކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ހުޅުދޫ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާ އެކުގައެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައިވާއިރު، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް ވަނީ މިހާރު ނިންމާލާފައެވެ. އެގޮތުން އެ މަސައްކަތުގެ 76 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި، އައު ހާބަރ ޗެނަލް ފުންކުރުމުގެ މަސައްކަތުގެ 86 އިންސައްތަ ފުރިހަމަކޮށްފައިވެއެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަނީ އެންކަރ ޕައިލް ހަރުކުރުމާއި އޭގެ ކޮންކްރީޓް މަސައްކަތެވެ.

ހުޅުމީދޫ މިފްކޯ ބަނދަރަކީ 2019 ވަނަ އަހަރު އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއައްގެންދާ މަސައްކަތެކެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓާރ އިސްމާޢީލް ފައުޒީ ވިދާޅުވީ އެ ބަނދަރުގެ މަސައްކަތް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަނީ، އެ ބަނދަރުގެ ހާލަތު އޮތް ގޮތުން މަސްކިރުމުގައާއި، ބަނދަރަށް ބޮޑެތި ބޯޓުތަކަށް ވަދެ އުޅުމުގައި ދަތިވާތީކަމަށެވެ.

އިސްމާޢީލް ވިދާޅުވި ބަނދަރު ތަރައްގީވެ ނިމުމުން މަސް އެކްސްޕޯޓް ކުރުމާއި، މިފްކޯގެ އޮޕްރޭޝަންތަކަށް ފަސޭހަވެގެން ދާނެކަމަށެއެވެ. އަދި ގަންނަ މަސް އެކްސްޕޯޓް ކުރުމާއި، މަސް އެހެންތަނަކަށް ބަދަލު ކުރަންޖެހުނު ކަމުގައި ވީނަމަވެސް އެކަން ކުރަންވެސް ފަސޭހަވެގެން ދާނެކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

"މަސްވެރިންނަށް ވަރަށް ލުއިވެގެންދާނެ މި ބަނދަރާއެކު. މިފްކޯގެ އޮޕްރޭޝަން ހޭންޑްލްކުރަން، މަސް ހޭންޑުލް ކުރުމަށް އަދި މަސް ގަތުމާއި މަސް އެކްސްޕޯޓް ކުރުން، ޚާއްޞަކޮށް ގަންނަ މަސް އެކްސްޕޯޓުކުރަން ނޫނީ އެހެން ކޫލް ސެންޓަރަކަށް މޫވްކުރަން ޖެހުނަސް ވަރަށް ފަސޭހަވެގެން ދާނެ" އިސްމާޢީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބަނދަރަކީ 2020 ވަނަ އަހަރަށް ނިންމަން ޓާރގެޓް ކުރި ބަނދަރެއްކަމަށާއި، ދިމާވި އެކި ސަބަބުތަކާހުރެ ބަނދަރުގެ މަސައްކަތް ލަސްވެފައިވާކަމަށެއެވެ. އެހެން ނަމަވެސް ބަނދަރުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަތް ދާކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ.


އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ތަނެކެވެ. އެތަނަށް މިވަގުތު ދިމާވެފައިވާ ދައްޗަކީ މަސް ބޭރުކުރުމުގައި ހުރި ދަތިކަމަށް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން ހިމެނެއެވެ. އަދި 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭއިރު މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެއެވެ.