ޚަބަރު

ޖަލުތަކުގެ ކޯލް ރިކޯޑްތަކުގެ ފުރިހަމަ މަޢުލޫމާތު ފުލުހުންނަށް ނުލިބޭތީ ހޯމް މިނިސްޓަރުގެ ކަންބޮޑުވުން


ޖަލުތަކުގައި ބޭނުންކުރާ ފޯނުތަކުގެ ކޯލް ރިކޯޑްތަކުގެ ފުރިހަމަ މަޢުލޫމާތު މުއާސަލާތީ ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ފުލުހުންނަށް ނުލިބޭތީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިނިސްޓަރ ވިދާޅުވީ، މިފަދަ މަޢުލޫމާތުތައް ފުލުހުންނާއި ހިއްސާކުރުން ލާޒިމްވާފަދަ ޤާނޫނީ މިންގަނޑެއް އޮތުން މުހިއްމުކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

ހޯމް މިނިސްޓަރ މި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ. މެންބަރު އިބްރާހީމް ރަޝީދު މިނިސްޓަރާއި ސުވާލުކުރައްވާފައިވަނީ ޖަލުތަކުގައި ސްކޭމް ކޯލްތައް ހިންގަން ބޭނުންކުރާ ފޯނު ނަންބަރުތަކުގެ މަޢުލޫމާތު ނެގޭގޮތަށްހުރިނަމަވެސް އެ މަޢުލޫމާތު ތަޙުޤީޤީ އިދާރާތަކާ ހިއްސާނުކުރާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަން ސާފުކޮށްދެއްވުމަށާއި، ޖަލުތެރޭގައި ހިންގާކަމަށް ބުނާ މިފަދަ މައްސަލަތައް ހުއްޓުވަން ކުރެވުނު މަސައްކަތްތައް ސާފުކުރެއްވުމަށެވެ.

މެންބަރުގެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސިއްރުން މޯބައިލް ފޯނު ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުމަށް ކަރެކްޝަންސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުން މާފުށީ ޖަލު ސަރަޙައްދުގައި މިދިޔަ އަހަރު އެންޓަނާއެއް ހަރުކޮށްފައިވާކަމަށެވެ. އަދި މާފުށީ ޖަލު ހިމެނޭ ސަރަޙައްދުގައި ބޭނުންކުރާ މޯބައިލް ފޯނުގެ މަޢުލޫމާތުތައް މި އެންޓަނާ މެދުވެރިކޮށް އެއްކުރެވޭކަމަށާއި، ނަމަވެސް މި މަޢުލޫމާތުތައް ޖަމާކުރެވެނީ ނެޓްވަރކް އޮޕަރޭޓަރުންގެ ސަރވިސްތަކަށްކަމުން، އެ މަޢުލޫމާތުތައް ހޯދަންޖެހޭނީ އެފަރާތްތައް މެދުވެރިކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލު ތެރޭގައި ޤައިދީން ބޭނުންކުރާ ނަންބަރުތަކާއި އެހެނިހެން ނަންބަރުތައް ވަކިކުރުމަށްޓަކާ ކަރެކްޝަންސްގައި މަސައްކަތް ކުރައްވާ އޮފިސަރުންނާއި، މުވައްޒަފުން ބޭނުންކުރައްވާ ފޯނުތަކާއި އަދި ފޯނު ނަންބަރާއި ގުޅޭ އެންމެހައި މަޢުލޫމާތުތައް ފުލުހުންގެ ޚިދުމަތާއި ހިއްސާކުރެވެމުންދާކަމަށާއި، މިއިން މަޢުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަންވެސް ހަމަޖެހިފައިވާ އުޞޫލުން ފުލުހުންނާއި ހިއްސާކުރަމުންދާކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާފުށީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސިއްރުން މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރާ ކުށްތައް ހުއްޓުވުމަށްޓަކާ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް، 365 އައި.އެމް.އީ.އައި ބްލެކްލިސްޓްކޮށް، 10 އައި.ޕީ އާއި 12 ވެބްސައިޓެއް ބްލޮކްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޖަލުތެރޭގައި މިފަދަ ކަންކަން ކުރާކަމަށް ފާހަގަކުރެވޭ ޤައިދީން އެކަހެރިކޮށް، އެފަދަ ޤައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް މުވާސަލާތީ އާލާތްތައް އަތުލައިގަނެވިފައިވާކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޢުލޫމާތުތައް ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމަށާއި، އެހެންނަމަވެސް އެފަރާތްތަކުން ފުލުހުންނަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެމުންނުދާކަމަށާއި، ފޯރުކޮށްދޭ މަޢުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެ މަސައްކަތުގައި އެކި ގޮންޖެހުންތަކާއި ކުރިމަތިވާކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ މަޢުލޫމާތުތައް ފުލުހުންނާއި ހިއްސާކުރުން ލާޒިމްވާފަދަ ޤާނޫނީ މިންގަނޑެއް އޮތުން މުހިއްމުކަމުގައި ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޚިދުމަތް މެދުކަނޑާލުމަށް އެދޭ ބައެއް ނަންބަރުތައް މެދުކަނޑާލުން ލަސްވުމާއި، އެއްބައެއްގެ ނަމުގައި ގިނަ ޢަދަދަކަށް ސިމް ދޫކޮށްފައިވުމާއި، އައިޑީ ކާޑެއްގެ ކޮޕީއެއް ހުށަހެޅުމުން އެ ކޮޕީއަށް ގިނަ ޢަދަދަކަށް މޯބައިލް ނަންބަރު ދޫކޮށްފައިވުމާއި، ބިދޭސީއެއްގެ ޕާސްޕޯޓް ނަންބަރު ބޭނުންކޮށްގެން އެކި ނަންނަމުގައި ސިމް ކާޑު ރަޖިސްޓްރީކޮށްދީފައިހުރުމާއި، އަދި އެއްވެސް ވަރަކަށް ރަޖިސްޓްރީނުކޮށް ހުންނަ ނަންބަރުތައް ބޭނުންކުރަމުންދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިކަންކަމާއި ގުޅިގެން ސަރވިސް ޕްރޮވައިޑަރުން ޒިންމާދާރުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހަރުކަށި އުޞޫލުތަކެއް ކަނޑައަޅަންޖެހޭކަމަށްވެސް މިނިސްޓަރ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.