ޚަބަރު

ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް އަހަރުން އަހަރަށް އިތުރުވަނީ


މިދިޔަ 2022 ވަނަ އަހަރު މުޅި ރާއްޖޭގައި 3500 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ 2021 ވަނައަހަރާ އަޅާބަލާއިރު ހާހަކަށްވުރެ ގިނަ އެކްސިޑެންޓެވެ. ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ ސަރަޙައްދުގައެވެ.

ރާއްޖޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ، އޭގެ ސަބަބުން ފުރާނަ ގެއްލުމުގެ އެކި ޙާދިސާތަކާއި، އެކިވަރުގެ ދާއިމީ ބޮޑެތި ހާނިކަތައް ލިބި، ހީނުކުރާ ޙާލަތުގައި ތިބެން މަޖުބޫރުވެފައިވާ މީހުން މިކުޑަ މުޖުތަމަޢުގެ ތެރޭގައި މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިއީ ތަފާސްހިސާބުން ފެންނަން އޮތް ޙަޤީޤަތެވެ.

ފުލުހުން ހާމަކޮށްފައިވާ މިދިޔަ 2022 ވަނަ އަހަރުގެ ތަފާސްހިސާބުގައި ވާގޮތުން އެ އަހަރު މުޅި ރާއްޖޭގައި ޖުމްލަ 3591 އެކްސިޑެންޓް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރިން 2021 ވަނަ އަހަރާ އަޅާބަލާއިރު އިތުރު 1070 އެކްސިޑެންޓެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނަ ޢަދަދެއްގެ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ ސަރަޙައްދުގައެވެ. މިދިޔަ އަހަރު މާލެ އާއި ހުޅުމާލޭގައި 2941 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 965 އިތުރު ޢަދަދެކެވެ.

ހުޅުމާލޭގައި 1136 އެކްސިޑެންޓް ހިނގާފައިވާއިރު މާލޭގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ހެންވޭރާއި މާފަންނުގައެވެ. މިސަރަޙައްދަށް ބަލާއިރު ހުޅުލޭގައިވެސް މިދިޔަ އަހަރު ގިނަ އެކްސިޑެންޓްތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރު ހުޅުލޭގައި 130 އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެ ކުރީ އަހަރު ހުޅުލޭގައި ހިނގާފައިވަނީ 60 އެކްސިޑެންޓެވެ.

އަތޮޅުތެރޭގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު، އެ ސަރަޙައްދެއްގެ އާބާދީގެ ނިސްބަތުން ރިޕޯޓުކޮށްފައިވާ އެކްސިޑެންޓްގެ ޢަދަދު މަދުނަމަވެސް ބައެއް ސަރަޙައްދުތަކުގައި މިނިސްބަތް އިތުރުވެފައިވާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން މިދިޔަ އަހަރު މާލޭ ސަރަަހައްދު ފިޔަވައި އަތޮޅުތަކުން އެންމެ ގިނައިން އެކްސިޑެންޓްތައް ރިޕޯޓުކޮށްފައިވަނީ އާބާދީގެ ގޮތުން ރާއްޖޭގައި ދެވަނައަށް އެންމެ މީހުން އަދި ވެހިކަލް ގިނަ އައްޑޫ ސިޓީއިންނެވެ. އެ ސީޓީގައި މިދިޔަ އަހަރު 194 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މީގެތެރެއިން 130 އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ ހިތަދޫއިންނެވެ.

އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ޢަދަދުތައް 2021 ވަނަ އަހަރަށްވުރެ 2022 ވަނަ އަހަރު ނިސްބަތުންވަނީ މަދުވެފައެވެ. 2021 ވަނަ އަހަރު 7 މީހަކުވަނީ އެކްސިޑެންޓްތަކުގައި ނިޔާވެފައެވެ. އަދި މިދިޔަ 2022 ވަނަ އަހަރު 5 މީހަކުވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގައި ނިޔާވެފައެވެ. މިިދިޔަ އަހަރު ހިނގި އެކްސިޑެންޓްތަކުގައި 4 މީހަކު ނިޔާވީ މާލެ ސަރަޙައްދުގައެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައިވެސްވަނީ މީހަކު ވަނީ ނިޔާވެފައެވެ.

އަހަރުން އަހަރަށް އެކްސިޑެންޓްތައް އިތުރުވަމުންދާއިރު އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނާއި، ނިޔާވާ މީހުންނާއެކު މިޙާދިސާގައި ޝާމިލުވާ މީހުންގެ ޢާއިލާތަކުންވެސް ހިތްދަތި އެތައް ކަމަކާއި ކުރިމަތިލައެވެ. ނަފްސާނީގޮތުން ބޮޑު ބުރައެއް ގިނަބަޔަކު އުފުލަންޖެހޭ މިފަދަ ޙާދިސާތައް މަދުކުރުމުގެ އިޚްތިޔާރު އޮތްއިރު އެކަމުގެ ބޭނުން ހިފަން އެބަޖެހެއެވެ. މިކަމުގައި ކަމާބެހޭ ހުރިހާ މުވައްސަސާއަކާއި ޢާއްމު ރައްޔިތުން އެކައްޗެއް ކިޔަން އެބަޖެހެއެވެ.