ދުނިޔެ

ބަޣްދާދުގައި ދިން ބޮމުގެ ޙަމަލާގައި މަރުވި މީހުންގެ އަދަދު 70އަށް


އިރާގުގެ ވެރިރަށް ބަޣްދާދުގެ އިރުމަތީގައިވާ ސަދްރު ސިޓީގައި ބާރުގަދަ ދެ ބޮން ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހަތްދިހައަށް އަރައިފިއެވެ.

އިރާގުގެ އަމަނާބެހޭ ދާއިރާތައް ބުނާގޮތުން އާދީއްތަ ދުވަހުގެ ރޭ އިރާކޮޅު މިދެ ބޮން ގޮއްވާލާފައިވަނީ ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ ސަދްރު ސިޓީގައި މީހުން ތޮއްޖެހިފައިވާ ބާޒާރެއްގައިކަމަށެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދުވެސް ސަތޭކައަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.

މި ދެ ބޮން ގޮއްވާލުމުގެ ޒިންމާ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު މިއީ މިފަހަކަށް އައިސް ސަދްރު ސިޓީއަށް ދިން އެންމެ ލޭ އޮހޮރުވުން ބޮޑު ޓެރަރިސްޓް ހަމަލާތައް ކަމަށް އިރާގުގެ މަސްއޫލުވެރިން ވަނީ ސިފަކުރައްވާފައެވެ.