ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލުވުމަށް ކުރާ މަސައްކަތް އދ.ގައި ހިއްސާކޮށްފި


ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލުވުމަށްޓަކައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް އދ. ގައި ޙިއްސާކޮށްފިއެވެ.

އ.ދ.ގެ އާބާދީއާއި ތަރައްޤީއާ ބެހޭ ކޮމިޝަން، "ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް"ގެ 56 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެ މިއަހަރުގެ ސެޝަނުގެ މައިގަނޑު ޝިއާރު "ޕޮޕިއުލޭޝަން، އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އަށް އަލިއަޅުވާލާ ވަނީ ތަޤްރީރުކުރައްވާފައެވެ. ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިސެޝަންގައި ތަޤުރީރުކުރެއްވީ، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް، ޑރ.އިބްރާހީމް ޒުހުރީއެވެ.

މިބައްދަލުވުމުގައި ރާއްޖެއިންވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 4 ވަނަ ލަނޑުދަނޑިކަމުގައިވާ "ކޮލިޓީ އެޑިއުކޭޝަން" ޙާޞިލު ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ޙިއްސާކޮށްފައެވެ. އެގޮތުން ތަޢުލީމީ ދާއިރާގެ އެކި ފަންތީގައި މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒްކޮށް ހައިބްރިޑް ނިޒާމެއްގެ ތެރެއިން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތައްވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު، ތަޢުލީމީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމުގެ މުހިއްމުކަން ފާހަގަކޮށް، ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމުގެ ސަބަބުން އަންހެނުން ބާރުވެރިކުރުމަށް މަގުފަހިވާކަން ރާއްޖެއިން ފާހަގަކުރިއެވެ. އަދި ޤާނޫނީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އަންހެން ކުދިންނާއި އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ގެއްލުންލިބޭނެ ފަދަ ކަންކަމާއި ޖިންސީ އަނިޔާ ތަޙައްމަލުކުރަން ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަން ރާއްޖެއިން ފާހަގަކުރެއެވެ.

މަދު ވަޞީލަތްތަކާއިއެކު ފެތުރިފައިވާ އާބާދީއެއް އޮތް، ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ވެސް މިބައްދަލުވުމުގައި ރާއްޖެއިންވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ތަޢުލީމީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވާކަން ރާއްޖެއިން ފާހަގަކުރިއެވެ. އަދި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ބޭރުން ހިނގާ ހިޖުރަކުރުމުގެ ޙަރަކާތްތަކުގެ ސަބަބުން އުފެދޭ މައްސަލަތައް ހިމެނޭހެން، އަލަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމަށް ރާއްޖެއިންވަނީ މިބައްދަލުވުމުގައި ގޮވާލާފައެވެ.

ހަމައެއާއެކު، ރާއްޖެއިން ވަނީ އަންނަ ޖުލައި މަހު ބާއްވާ އ.ދ.ގެ "ހައި-ލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގައި ރާއްޖޭގެ ފަރާތުން ދެވަނަ ވޮލަންޓަރީ ނޭޝަނަލް ރިވިއު ހުށަހަޅާނެކަން ފާހަގަކޮށްފައެވެ.