ޚަބަރު

ބ.ހިތާދޫ ގޮނޑުދޮށް ޙިމާޔަތް ކުރުން އެމްޓީސީސީއަށް


ބ. ހިތާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ޙަމީދެވެ.

އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާ ގުޅިގެން ތިމާވެށީގެ އެކިއެކި މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަންތައް ކަމަށްވާތީ އެފަދަ މަޝްރޫއުތައް ހިންގަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް އީއައިއޭ ހެދުމަށްފަހު ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަގޮތްތަކަށް ބަލައިގެންނެވެ.

ހިތާދުއަށް ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާން ފެށީ 2012 ވަނަ އަހަރުއެވެ. އެ ދުވަސްވަރަކީ ހިތާދޫގެ ބަނދަރުވެސް ހެދި ދުވަސްވަރެވެ. މިހާރު ވަނީ ވަކި މޫސުމެއް ނެތި ހިތާދޫގެ ވަށައިގެން ވަނީ ގިރަންފަށާފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރުވެސް މިކަމަށް އޮތީ ޙައްލުނުލިބިއެވެ.

ހިތާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ މިއަދު ޙަވާލުކުރިއިރު އެރަށުގެ ދެކުނު ފަރާތުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ސަރަޙައްދު ގިރައިގެންގޮސް ގެވަޅުތަކާއި މޫދާ ދެމެދު މިހާރު ހުރީ 10 ވަރަކަށް ފޫޓު ކަމަށް އެރަށު ކައުންސިލުން ވިދާޅިުވެއެވެ. އަދި މިކަމަށް ދާއިމީ ޙައްލެއް ނުލިބިއްޖެނަމަ ރައްޔިތުންނަށް މިކަމުން އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށްވެސް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހިތާދޫގެ ރައްޔިތުންނަށް ދިމާވެފައި މިވާ ރަށްގިރުމުގެ މައްސަލައަށް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މިމަޝްރޫޢާއެކު ބޮޑު ޙައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 7،800 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 16.96 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

1420 މީހުންގެ އާބާދީގެ އޮންނަ ހިތާދުއަކީ ފަތުރުވެރިކަން ތަޢާރަފުވަމުން އަންނަ ރަށެއްކަމުން އެވިޔަފާރިއަށް ނުވަތަ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު ގޮނޑުދޮށެއް އޮތުމަކީ އެ ވިޔަފާރި ކުރިއެރުވުމަށް ކުރެވޭ މަސައްކަތަކަށް ވާނެއެވެ.