ޚަބަރު

ރޯވިތާ 12 ގަޑިއިރުފަހުން ހިތަދޫ ކުނި ގޮނޑު ނިއްވާލައިފި


އައްޑޫ ސިޓީގެ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ގާތްގަނޑަކަށް 12 ގަޑިއިރު ފަހުން ނިއްވާލައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ކުނިގޮނޑުގައި އަލިފާން ރޯވީ އިއްޔެ ހަވީރު 04:30 ހާއިރުއެވެ. އިރުއޮއްސުނު ވަގުތު ކޮންމެވެސް ވަރަކަށް އަލިފާން ކޮންޓްރޯލް ކުރެވުނުނަމަވެސް، އޭގެފަހުން އަނެއްކާވެސް ވަނީ އަލިފާންގަނޑު ވަނީ އިތުރަށް ފެތުރިފައެވެ.

ކުނިގޮނޑުގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ކަމާގުޅުން ހުރި އިދާރާތަކުން ދިޔައީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ. އަލިފާން ނިއްވުމުގައި އައްޑޫ ސިޓީ ކައުންސިލް، ވެމްކޯ، އެފްކޮންސް އަދި އެމް.އެން.ޑީ.އެފް ގުޅިގެން ވަނީ މަސައްކަތްކޮށްފައެވެ.

ވެމްކޯގެ ސައުތު ރީޖަންގެ މެނޭޖަރ ޝާފިޢު ޖަމީލް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެެއްވަމުން ވިދާޅުވީ، ރޯވި އަލިފާން ރޭ ފަތިހު 04:30ހާއިރު ނިއްވާލެވިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ރޯވި ކުނިތަކުން ދުން އަރާކަަމަށެވެ. އަލިފާން ރޯވެފައިވާ ސަރަޙައްދާއި ރޯނުވާ ސަރަޙައްދުގެ މެދުން، އަލިފާންގަނޑު ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް މަގެއް ހަދައި، އިތުރަށް އަލިފާން ނުފެތުރޭނެ ގޮތަށް ވަނީ ކޮންޓްރޯލްކޮށްފައެވެ. އޭގެފަހުން ޕަމްޕް ބަހައްޓައިގެން ފެން ޖަހައި، އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި ކުނި މެނޭޖްކުރުމުގެ ވަސީލަތަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ވެމްކޯއިން ހާމަކުރައްވައެވެ.

ޝާފިއު ވިދާޅުވީ ކުނިގޮނޑުގައި ރޯވި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ރޯވި ހިސާބުގެ ކުނިތައް އެއްކައިރިކޮށް، ވެލި އަޅައި އެ ހިސާބު އެއްވަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯވީ ކުނިތަކުގައިކަމުން، އެ ސަރަޙައްދުގެ ވައި ނުސާފުވެފައިވާތީ އެކަމަށް ސަމާލްވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކުރައްވައިފައެވެ. ހިތަދޫ ކުނިގޮނޑު ހުންނަނީ، ލިންކް ރޯޑާއި ކައިރި ސަރަޙައްދެއްގައިކަމުން އެ ސަރަޙައްދުން ދަތުރުކުރާ މީހުން، ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅުމަށް ވެސް ވަނީ އިރުޝާދުދެއްވައިފައެވެ.