ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަދު ފަށާނެ: މިނިސްޓަރ


ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަދު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. ޢަރަބިއްޔާ ސްކޫލް އަޅަނީ ބައު ޖަމާލުއްދީން ސްކޫލް ބިމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤްވަނީ، ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއު ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީއާއި ސުވާލުކުރައްވާފައެވެ. މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ކޮންސެޕްޓްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި އެ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަދު ފެށޭނެކަމަށާއި، ޝެޑިއުލާ އެއްގޮތަށް މަޝްރޫޢު ކުރިއަށްދާނަމަ އަންނަ އަހަރުގެ ދިރާސީ އަހަރަށް އެ ސްކޫލްގައި ކިޔަވައިދޭން ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


"މިމަހުގެ ނިޔަލަށް ޑީޓެއިލްޑް ޑްރޯވިންގެ މަސައްކަތް ނިމޭނެ، ނަމަވެސް މިއަދުގެ ވަގުތެއްގައި ބައު ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ. ސްކޫލް ހުޅުވޭނެކަމަށް އަޅުގަނޑުމެން ލަފާކުރަނީ، މިހާރު އޮތް ވޯކް ޝެޑިއުލްއާއި އެއްގޮތަށްދާކަމުގައި ވެއްޖިއްޔާ، 2024 ވަނަ އަހަރުގެ ދިރާސީ އަހަރު." މިނިސްޓަރ ވިދާޅުވިއެވެ.

ޗާންދަނީ މަގުގައި ޢަރަބިއްޔާ ސްކޫލް ކުރިން ހިންގި ޢިމާރާތުގެ ތަނބުތަކުގައި ރެނދުލާ، އެޢިމާރާތަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް ރައްކާތެރި ތަނެއް ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ނިންމުމާއި ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި ޢިމާރާތަށް ބަދަލުކޮށްފައެވެ. އަދި ޢަރަބިއްޔާ ސްކޫލް އެޅުމަށް ބިމެއް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތުން ސަރުކާރުންވަނީ ބައު ޖަމާލުއްދީން ހުރި ބިން ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައެވެ.

ޢަރަބިއްޔާ ސްކޫލުގެ ޢައު އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޓް އުޞޫލުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 168 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.