ޚަބަރު

އެމްޑަބްލިއުއެސްސީން 10 ބުރީގެ އާ އިމާރާތެއް އަޅަނީ


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސްގެ 10 ބުރީގެ އާ ޢިމާރާތް މިއަހަރު ތެރޭ އެޅުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަމަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސްއާއި ފައިސާ ބަލައިގަންނަ އޮފީސް ޢިމާރާތް ވަގުތީގޮތުން މިހާރު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ކަސްޓަމަރ ސަރވިސް އޮފީހުން ދެމުންގެންދިޔަ ޚިދުމަތްތައް މިއަދުން ފެށިގެން ދެމުންދާނީ ފެން ބިލްޑިންގގެ 2 ވަނަ ފަންގިފިލާއިންކަމަށް އެކުންފުނިން މަޢުލޫމާތުދެއްވައެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ ކަސްޓަމަރ ސާރވިސް ޚިދުމަތް ދެއްވުމަށް މުޅިން އާ ޢިމާރާތެއް، ފެން ބިލްޑިންގެ އިރުމަތީ ފަރާތުގައި މިއަހަރު ތެރޭ އެޅުމަށް ހަމަޖެހިފައިވާކަމަށާއި، އާ ޢިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުޙަލާގައިކަމަށެވެ. އަދި އަލަށް ހަދާ ކަސްޓަމަރ ސަރވިސް އިމާރާތް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދެވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށާއި، އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ކުރިއަށްއޮތް ދެ މަހެއްހާ ދުވަހުގެ ތެރޭ ފެށިގެންދާނެކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.ކަސްޓަމަރ ސަރވިސްގެ އާ އިމާރާތުގެ މަސައްކަތް ނިމެންދެން ކަސްޓަމަރ ސަރވިސްގެ އެންމެހާ ޚިދުމަތްތަކެއް މިހާރު ފޯރުކޮށްދޭނީ ފެން ބިލްޑިންގގެ 2 ވަނަ ފަންގިފިލާއިން ކަމަށްވެސް އެމް.ޑަބްލިޔު.އެސް.އީން މަޢުލޫމާތުދެއެވެ.