ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް މިމަހުގެ 15 ގެ ކުރިން ހުށައެޅޭނެ


ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީ.އެމް.އެލްއިން ހުޅުވާލެވިފައިވާ ފަންޑެކެވެ.

ބީއެމްއެލްއިން ބުނީ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ބޭނުންވާ ޖަމިއްޔާތަކަށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށައެޅޭނެކަމަށެވެ. ބީއެމްއެލުން ބުނީ މި ފިޔަވަހީގައި މުޅި ޖުމްލަ 10 ޕްރޮޖެކްޓް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާ ދޭނެއެވެ. ޕްރޮޖެކްޓްތައް ހޮވުމުގައި ބަލާނީ ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށްކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ.

ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. ބީ.އެމް.އެލް ކޮމިއުނިޓީ ފަނޑުގެ ދަށުން މިހާތަނަށް 70 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.