ރިޕޯޓް

ކާށި އެތެރެކުރުން: މިދިޔަ 5 އަހަރު ޖުމްލަ 15 ޓަނު، މިއަހަރުގެ މިހާތަނަށް 240 ޓަނު


މިދިޔަ 5 އަހަރުތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވާ ކާށީގެ މިންވަރަށްވުރެ، މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ކާށި އެތެރެކޮށްފައިވާ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކާށްޓަކީ ރާއްޖޭގައި ޒަމާނުއްސުރެ އެއްވެސް ދަތިކަމެއް ނެތި ލިބެމުން އަންނަ އެއްޗެއްނަމަވެސް މިފަހަކަށް އައިސް ކާށި ލިބުން ދަތިވެ، ކާށީގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

ކާށި ލިބުން ދަތިވުމުން ރާއްޖޭގެ ވިޔަފާރިވެރިން ވަނީ މިދިޔަ ރޯދަމަހާ ދިމާކޮށް ކާށި އެތެރެވެސް ކޮށްފައެވެ. އެގޮތުން އެސްޓީއޯ އާއި ބައެއް އެހެން ވިޔަފާރިތަކުން ވަނީ ކާށި ގެނެސް، އަގުހެޔޮކޮށް ވިއްކާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ހިލޭވެސް ބަހައިފައެވެ.

ރާއްޖެއިން ޢާއްމުކޮށް ލިބޭ ބާވަތެއް ބޭރު ޤައުމުތަކުން އެތެރެކުރަންޖެހޭ ހިސާބަށް ދިޔައީ ރާއްޖެއިން ކާށި ލިބުން ވަރަށް ބޮޑަށް ދަތިވެގެނެެވެ. މީގެކުރިން ކާށްޓަކީ ރާއްޖެއަށް މާގިނައިން އެތެރެކުރާ އެއްޗެއް ނޫނެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ން 2022 އަށް މިދިޔަ 5 އަހަރު ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 15.8 ޓަނުގެ ކާށްޓެވެ.

2018 ން 2022އަށް - ޖުމްލަ 15.8 ޓަނުގެ ކާށި

  • 2018 - 0.599 ޓަނުގެ
  • 2019 - 5.267 ޓަނު ކާށި
  • 2020 - 1.167 ޓަނު ކާށި
  • 2021 - 5.995 ޓަނު ކާށި
  • 2022 - 2.868 ޓަނު ކާށި

މިދިޔަ 5 އަހަރު ތެރޭގައި ކާށި އެތެރެކުރި ޖުމްލަ އަދަދު 15.8 ޓަނުގައި ހުރިނަމަވެސް މިއަހަރުގެ ފުރަތަމަ 3 މަސްދުވަސް ކަމަށްވާ ޖެނުއަރީ، ފެބްރުއަރީ އަދި މާޗުމަހު ރާއްޖެ އެތެރެކުރި ކާށީގެ އަދަދު ވަނީ ހައިރާންކުރަނިވި މިންވަރަކަށް މައްޗަށް ގޮސްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 240988 ކިލޯ ނުވަތަ 240 ޓަނުގެ ކާށި އެތެރެކޮށްފައެވެ. މިއީ މިދިޔަ 5 އަހަރު އެތެރެކުރި ކާށީގެ ޖުމްލަ އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް 15 ގުނަ އިތުރު މިންވަރެކެވެ.

2023 ފުރަތަމަ 3 މަސް - 240 ޓަނުގެ ކާށި

ރާއްޖެއަށް ކާށި އެތެރެކުރާ މިންވަރު އެތައް ގުނައެއް އިތުރުވި މައިގަނޑު ސަބަބަކީ ކާށި ލިބުން ދަތިވެ، އަގުތައް އިންތިހާއަށް އުފުލުމެވެ. އަދި ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ލިބެން ހުންނަ ކާށީގެ ދަތިކަމެއް ކުރިމަތިވެ، އަގުތައް އިންތިހާއަށް އުފުލުނު މައިގަނޑު ސަބަބަކީ ކާށި ލިބެން ހުންނަ ރުއްތައް މަދުވުމެވެ. ރުކަކީ އޭގެ އެކި ބައިތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ރާއްޖޭގެ ޤައުމީ ގަހެވެ.

ރާއްޖޭގައި ހުރި ގިނަ ރުއްތަކަކީ މީގެ އެތައް އަހަރެއް ކުރިން ހައްދާފައިވާ ރުއްތަކެކެވެ. ކޮންމެ ރުކަކީވެސް އެ ރުކެއްގެ އުމުރުގެ ވަކި ހިސާބަކުން ރުކުގެ މަތިވަރު އެކީ ނެތިދާ ގަހެކެވެ. އެއާއެކު ކާށި އަދި އެނޫންވެސް އެއްޗެއް އެ ރުކަކުން ދެނެއް ނުލިބޭނެއެވެ. ކާށި ލިބޭ ރުއްތައް މަދުވަމުންދާއިރު ރަށްރަށުގެ ބިން އެކި ބޭނުންތަކަށް ބޭނުންކުރުމަށް ރުއްތައް ދަނީ ކަނޑަމުންނެވެ. އަދި ކައިރީގައި އޮންނަ ފަޅުރަށުން ކުރިން ކާށި ލިބުނަސް މިއަދު އެ ރަށުގައި ރިސޯޓެއް ހަދާފައި އޮތުމުން އެ ކާށިކޮޅު ލިބޭނެ ގޮތެއް ނެތެވެ.

ހިތާމައަކީ ރުކަކީ އަޅުގަނޑުމެންނަށް މުހިއްމު ގަހެއް ނަމަވެސް ރުއް ގިނަކުރުމަށް ނުވަތަ ރުއް އިންދުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަމެވެ. ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގިޔަސް، ގޭގޭގައި ޒިނާތްތެރިކުރަން އެކި ކަހަލަ ބަގީޗާ ގަސްތަކާއި މޭވާއިއާއި ތަރުކާށީ ލިބޭ ގަސްތައް ހުއްޓަސް، ރުއް ގިނަކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދެވުނުތޯ މިއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ.

ރާއްޖޭގައި ރުއްތައް މަދުވެއްޖެކަން ގިނަ ބައެއްގެ ސަމާލުކަމަށް މިއައީ ކާށި ލިބުން ދަތިވެ، ޢާއްމު ގޭބީސީތަކުގެ މޭޒުތަކާއި ހިސާބަށް މައްސަލަ ފޯރައި، ކުދި ބޮޑު ހުރިހާ ރައްޔިތުންނަށް އެކަމުގެ އަސަރުކުރުމުންނެވެ.

މައްސަލަ ޙައްލުކުރަން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ސަރުކާރުން ވަނީ މިއަަހަރު އިންޑީއާގެ ކެރެލާއިން 5000 ރުއް އެތެރެކުރައްވައި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންދުމުގެ މަސައްކަތް ފަށްޓަވައިފައެވެ. ނަމަވެސް މިއީ ސަރުކާރުން އެކަނި ކުރެއްވޭނެ ކަމެއް ނޫނެވެ. ލޯކަލް ކައުންސިލްތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއި ވަކިވަކި ފަރުދުންގެ އެއްބާރުލުމާއި އެހީތެރިކަން މިކަމަށް ބޭނުންވާނެއެވެ.

އަޅުގަނޑުމެންނަށް މިއޮތް ހުރިހާ ދުވަހު ކާށި ލިބުނީ ކާބަފައިން މީގެ އެތައް އަހަރެއް ކުރިން އިންދި ރުއްތަކުންނެވެ. އިމްޕޯޓަށް ބާރޯސާވެފައިވާ ޤައުމަކަށްވާތީ ކާބަފައިން އިންދި ރުއްތަކުގެ ބޭނުން އެހާމެ ބޮޑެވެ. އެހެންކަމުން މިއަދު އިންދާ ރުއްތަކުން އަޅުގަނޑުމެންނަށް މާބޮޑު ފައިދާތަކެއް ނުކުރިނަމަވެސް، އަންނަ އޮތް ޖީލުތަކަށް މިކަމުގެ ސަބަބުން ހަމަޤާއިމުވެސް އެތައް ފައިދާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.