ޚަބަރު

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖޭގެ ބޮޑު ދަޢުރެއް


އ.ދގެ އިންސާނީ ޙައްގުތަކާ ބެހޭ މަޖިލީހަކީ، ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ކަންކަމަށް ޙައްލު ހޯދުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރެވޭ އެންމެ ބޮޑު މަޖިލީހެވެ.

މިއަހަރުގެ ކުރީކޮޅުން ފެށިގެން ބައްދަލުވުންތައް ފަށާފައިވާއިރު، އެކުވެރި ދައުލަތްތަކުގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި އިއްޔެ ވަނީ ނިންމާލާފައެވެ. މިސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޙަރަކާތްތެރިކަމާއެކު ބައިވެރިވެފައެވެ.

ނިމިގެންދިޔަ ސެޝަނުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ވަނީ 43 ޤަރާރެއް ފާސްކޮށް އިންސާނީ ޙައްޤުތަކާބެހޭ ތަފާތު މައްސަލަތަކާއި ވަކިވަކި ޤައުމުތަކުގެ ކަންކަމާ ގުޅުންހުރި 19 މެންޑޭޓެއްގެ މުއްދަތު އިތުރުކޮށްފައެވެ. އަދި ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓު ހޯލްޑަރުންގެ ގޮތުގައި 10 ބޭފުޅަކު އައްޔަނުކޮށްފައެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52 ވަނަ ސެޝަނުގެ މަތީ ފެންވަރުގެ ބައިގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަނީ ފޭބްރުއަރީ މަހު ބައިވެރިވެވަޑައިގަންނަވާ ތަޤުރީރުކުރައްވާފައެވެ. އެމަނިކުފާނުގެ ތަގުރީރުގައި ވަނީ އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ހޯދާފައިވާ ކާމިޔާބީ ޙިއްސާކުރައްވާފައެވެ. އަދި އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

މި ސެޝަންތަކުގައި ތަފާތު މަޢުލޫތަކަށް ރާއްޖޭގެ ވަފުދުން ވަނީ 29 ބަޔާނެއް އިއްވާފައެވެ. އަދި ރާއްޖެއިން ވަނީ 19 ޤަރާރެއްވެސް ކޯ-ސްޕޮންސާ ކޮށްފައެވެ. މީގެތެރޭގައި މައިނޯރިޓީންނަށް ކުރިމަތިވާ މައްސަލަތަކާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމާއި ކުރިއެރުވުމާ، އިންސާނީ ޙައްޤުތައް ދިފާއުކުރާ ފަރާތްތަކާގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރު ހިމެނެއެވެ.

ހަމައެއާއެކު ރާއްޖެއިން ވަނީ ކާބޯތަކެއްޗާ ގުޅޭ ޙައްޤާއި އާއްމު ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމާ ގުޅޭ ޙައްޤާއި ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަމާގުޅޭ ޙައްޤާއި އެހެނިހެން މައުޟޫތަކާ ގުޅޭ ޤަރާރުތައްވެސް ކޯ-ސްޕޮންސާ ކޮށްފައެވެ.

މީގެއިތުރުން ރާއްޖެއިން ވަނީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ އިންސާނީ ޙައްޤުގެ ދަށުން ޤަރާރެއް ޑްރާފްޓް ކުރި ތަފާތު ސަރަޙައްދުތަކުގެ ޤައުމުތަކުގެ މައްޗަށް އެކުލެވިފައިވާ ކޯ-ގްރޫޕުގައި ވެސް ބައިވެރިވެފައެވެ. މިޤަރާރަކީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ އިންސާނީ ޙައްޤު ރައްކާތެރިކުރުމުގައި ވިޔަފާރިތަކުގެ ޒިންމާ އޮތް މިންވަރާ ގުޅޭގޮތުން ކަމާބެހޭ މާހިރުންގެ ބައްދަލުވުމެއް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ބޭއްވުމަށް ސްޕެޝަލް ރެޕަޓުއާއަށް އެންގުމެވެ.

މިސެޝަންގައި ރާއްޖެއިން ވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި އިއްވުނު 33 ގުޅިފައިވާ ބަޔާނެއްގައި ވެސް ބައިވެރިވެފައެވެ. މީގެތެރޭގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ނޮން-އެލައިންޑް މޫވްމަންޓްގެ ބަޔާންތައް ހިމެނެއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ރާއްޖެއިން ވަނީ ބަޔާނެއް އިއްވާފައެވެ.

މިބަޔާނުގައި ރާއްޖެއިން ވަނީ ޔޫޕީއާރު ނިޒާމުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޔޫޕީއާރު ވޮލަންޓަރީ ފަންޑަށް މެމްބަރު ޤައުމުތަކުން އެހީވުމަށް ގޮވާލާފައެވެ.

ހަމައެއާއެކު ރާއްޖެއިން ވަނީ މިސެޝަނުގެ ހަވާސާގައި ބޭއްވުނު 5 އިވެންޓެއް ކޯ-ސްޕޮންސާ ކޮށްފައެވެ. މީގެތެރޭގައި މޫސުމީ ބަދަލުތަކާއި ގުޅޭ އިވެންޓްތަކާއި، ކުދި ޖަޒީރާ ގައުމުތަކަށް ހުރި ދަތިތަކާއި، އިންސާނީ ޙައްގުތަކާއި ގުޅޭ އިވެންޓްތައް ހިމެނެއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52 ވަނަ ސެޝަނުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އާސިމް އަޙުމަދު އެވެ. މިމަޖިލީހުގައި އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރައްވާ ނައިބު ރައީސްގެ ހައިސިއްޔަތުން އެމްބެސެޑަރ އާސިމް ވަނީ މަޖިލީހުގެ ތަފާތު ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.