ޚަބަރު

ހުޅުމާލެއިން 15 ބިމެއް ވިއްކަނީ، ޚާއްސަކޮށްފައިވަނީ ދިވެހިންނަށް


ހުޅުމާލެއިން ބީލަމުގެ އުޞޫލުން ދިރިއުޅުމަށް 15 ބިމެއް "ބިޑް ޕޯރޓަލް" މެދުވެރިކޮށް ގަތުމުގެ ފުރުޞަތު އަރބަންކޯއިން ހުޅުވާލައިފިއެވެ.

ބީލަމުގެ އުޞޫލުން ދިރިއުޅުމަށް ބިން ވިއްކުމަށް ހުޅުވާލާފައިވަނީ ހުޅުމާލޭ ބީޗްފްރަންޓްއިން 5 ބިމަކާއި، ބީޗްސައިޑްއިން 10 ބިމެކެވެ. މި 15 ބިމުގެ ތެރެއިން ބީޗްސައިޑްއިން ދޫކުރާ ބިންތަކުގެ ބޮޑުމިނުގައި 1644.83 އާއި 2338.87 އަކަފޫޓު ހުންނާނެއެވެ. އަދި ބީޗްފްރަންޓްއިން ދޫކުރާ ބިންތަކުގެ ބޮޑުމިނުގައި 1270.15 އާއި 1803.28 އަކަފޫޓު ހުންނާނެކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏެއްކަމުގައިވުން ހިމެނެއެވެ.

ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެންމެ ބިމެއް

މި 15 ބިމުގެ ތެރެއިން ބީޗްފްރަންޓްއިން ދޫކުރާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި ބީޗްސައިޑްއިން ގަތުމަށް ދޫކުރާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.

މި ބިންތައް ވިއްކުމުގެ މަސައްކަތް ކުރިއަށްދާނީ މައިގަނޑު ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އޮންނާނީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާގައި ކުރިއަށްދާނީ އީ.އޯ.އައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރުމެވެ. ބިން ގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް https://bids.urbanco.mv/ މެދުވެރިކޮށެވެ. ބިން ގަތުމަށް އެދޭ ފަރާތްތަކުން މި ޕޯޓަލްގައި ރަޖިސްޓްރީކޮށް ބީލަން ހުށަހެޅުމަށް އަރބަންކޯއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި ފުރުޞަތުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެންމެ ބިމެއްކަމަށް އަރބަންކޯއިން ވިދާޅުވެއެވެ. އަދި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތައް 1،000،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ފޯމު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭނެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދެވޭނީ ބީލަން ކާމިޔާބުކުރިކަމުގެ ލިޔުން ފޮނުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަކެވެ. އަދި އީ.އޯ.އައި ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާފައިވާ ޢަދަދު ބިމުގެ އަގުގެ ބައެއްގެގޮތުގައި ކަނޑައެޅުމަށް އެދޭނަމަ ލިޔުމަކުން އެ ކޯރޕަރޭޝަނަށް ހުށަހަޅަންވާނެކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.

އަރބަންކޯއިން ވިދާޅުވީ، ބިމުގެ އަގު އަދާކުރާތާ ރަސްމީ 14 ދުވަހުގެ ތެރޭގައި ބިން ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ބިން ޙަވާލުކުރެވޭކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.