ވިޔަފާރި

ރައްޔިތުންގެ ފަތުރުވެރިކަން ފުޅާވެ، ޓޫރިސްޓް އެނދުގެ %27 ރަށްރަށުގައި


ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ބޮޑު ބަދަލެއް އައިސްފައިވަނީ "ކޮމިއުނިޓީ ބޭސްޑް" ފަތުރުވެރިކަން ނުވަތަ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފެށުމާއި ގުޅިގެންނެވެ. މިއީ ރަށްރަށާއި އަދި ވަކި ފަރުދުންނަށް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް މީގެ ފައިދާ ކުރުވިކަމެކެވެ. މިއަދު ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ފުޅާވެ މުޅި ރާއްޖެއަށް ވަނީ ފެތުރިފައެވެ.

މިއަދު ކޮންމެ ރަށަކުންވެސް ބޭނުންވަނީ އެރަށެއްގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާށެވެ. މީގެ ސަބަބުތައްވެސް ބައިވަރެވެ. ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަމާއިއެކު އާބާދީ ކިތަންމެ ކުޑަނަމަވެސް އަދި ބޮޑުނަމަވެސް އެރަށުގެ އިޤްތިސާދަށް ފައިދާވެ، ރަށުގެ ރައްޔިތުންގެ ފުދުންތެރިކަން އަންނަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ސިޓީތައް ހިމެނޭގޮތަށް 118 ރަށެއްގައި މިހާރު "ރައްޔިތުންގެ ފަތުރުވެރިކަން" ކުރިއަރަމުންދާކަމަށެވެ. އަދި މި 118 ރަށުގައި 909 ގެސްޓްހައުސް އޮޕަރޭޓްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ މުޅި ޖުމްލަ 16300 އެނދު ނުވަތަ ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުޅުވާފައިވާ އެނދުގެ %27 އެވެ.

"މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޓޫރިޒަމް ގެންދިއުމުގެ ފުރުސަތު ފަހިވާނެ. އެކަމަށް އެންމެ ބޮޑަށް ބޭނުންވަނީ ދަތުރުފަތުރު. ވައިގެ މަގުން އަދި ކަނޑުގެ މަގުން އާރުޓީއެލްގެ ދަތުރުފަތުރު ކުރިއަށްގެންދެވުނީމަ އެއްކޮށް އެބައި ފުރިހަމަވީ. ބަނދަރުތައް ނިމިފައި އެހުރީ. ރައީސް ސާލިހްގެ ސަރުކާރުން ފަތުރުވެރިކަން ރައްޔިތުންނާއި ގާތައް ގެންދެވުނު އެއް ޕްރޮގްރާމަކީ ފެނާއި، ނަރުދަމާއާއި ކަރަންޓްގެ މަސައްކަތް. ހުރިހާ ރަށެއްގައިވެސް އެކަންކަން ނިމުމަކާއި ހަމައަށް އެ އަންނަނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ރަށްރަށުގައި ފަތުރުވެރިކަން ހިންގިދާނެކަން މިހާރު ރައްޔިތުން ގަބޫލުކުރާކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުންވެސް އަންނަނީ އެ ރަށެއްގެ ޙާއްސަކަން ދެނެގަނެ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށަކަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި ވަނީ ބައްދަލުކޮށްފައެވެ. ރަށްރަށުގައި ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލާއި އަދި ވިޔަފާރިވެރިން ކަންކުރަންވީގޮތުގެ އިރުޝާދު ދީ، ކަންކަން ޕްލޭންކުރުމާއި މީހުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެކުރިން ރާއްޖެ ބޮޑަށް މަޝްހޫރުވެފައިވަނީ މުއްސަނދި ފަތުރުވެރިންނަށް އާދެވޭ މަންޒިލެއްގެ ގޮތުގައެވެ. ނަމަވެސް ގެސްޓްހައުސްއާއެކު މިއީ ކޮންމެ ފަންތިއެއްގެ ފަތުރުވެރިއަކަށްވެސް އާދެވޭފަދަ މަންޒިލަކަށް ވަނީ ވެގެންގޮސްފައެވެ. އަދި ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމާއި ސަޤާފަތްވެސް ވަރަށް ބޮޑަށް ފަތުރުވެރިންނަށް ފެނިގެންދެއެވެ. މީގެއިތުރުން ކޮންމެ އަތޮޅަކަށްވެސް އެކަށީގެންވާ މިންވަރަށް ޓޫރިޒަމް ތަޢާރަފްކުރެވި، ޢާއިލާއާއި ދުރުގައި ވަޒީފާ އަދާކުރުމުގެ މައްސަލަ ކުޑަކުރުމުގެ ވައުދުވެސް މި މަސައްކަތްތަކާއެކު ފުއްދަން މަގުފަހިވެގެންދެއެވެ.