ޚަބަރު

ރ.އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓް އަޅާ ރަށް ކަނޑަނޭޅެ، މަޝްވަރާ ދަނީ ކުރިއަށް: އަސްލަމް


ރ،އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް އަޅާނެ ވަކި ރަށެއް އަދި ކަނޑަނޭޅޭކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް އެއަރޕޯޓް އެޅުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ރ.އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީކުރާނެކަންވަނީ އިޢުލާންކޮށްފައިވެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް ޕްލޭނިން މިނިސްޓަރ އަސްލަމް، ބުދަ ދުވަހު ވަނީ މަޖިލީހަށް ހާޒިރުކުރައްވާފައެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް ރ.އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މަޖިލީހުގައި ސުވާލު ކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ. ޝަރީފް ވަނީ އެއަރޕޯޓް އަޅާނެ ރަށެއް ކަނޑައެޅިއްޖެތޯއާއި، އެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލަކީ ކޮބާތޯ އައްސަވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އެ މަޝްރޫޢާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އެގޮތުން އެއަރޕޯޓް އަޅާނެ ތަނެއް ހޯދުމަށް، މީގެ މަހެއްހާ ދުވަސް ކުރިން ރ.އަތޮޅު ކައުންސިލާއެކުވެސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ ސަރުކާރުގައި ރ.ފައިނުގައި އެއަރޕޯޓެއް އެޅުމަށް މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކުރިއަށްނުގެންދެވުނުކަމަށެވެ.

އަދި މިހާރު އެއަރޕޯޓް އެޅުމަށް ރަށެއް ކަނޑައެޅުމަށް ދެ ތަނެއްގެ މަޝްވަރާ ކުރެވެމުންދާކަމަށެވެ. އެގޮތުން އެއް ތަނަކީ އެ ސަރަޙައްދުގައި އޮތް ބެރިއަންފަރު ކިޔާ ސަރަޙައްދުކަމަށެވެ. ނަމަވެސް މީހުން ދިރިނޫޅޭ ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަކީ، މަޝްރޫޢުގެ ޚަރަދު ބޮޑުވުމުގެ އިތުރުން ސަރަޙައްދުގެ ރައްޔިތުންނަށް އޭގެ އިޤްތިޞާދީ ފައިދާވެސް ކުޑަވާނެކަމެއްގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

"އަތޮޅުތަކުގައި އެއަރޕޯޓެއް އަޅަން ރަނގަޅީ މީހުން ދިރިއުޅޭ ރަށަކާ ގުޅިގެން. ރަށުގެ ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ މަންފާ ބޮޑުވާނެ. އަދި ބަނދަރު، ފެނާއި ނަރުދަމާ، އެކަމަޑޭޝަންފަދަ ޚިދުމަތް ވަކިން ޤާއިމުކުރަން އޭރުން ނުޖެހޭނެ. ފަހަރެއްގައި ރ.އަތޮޅުގައި މި އޮޕްޝަން ނޯވެދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އެއަރޕޯޓް އަޅާނީ ރ.އަތޮޅުގެ ދެކުނު ބިތުގެ ކޮން ސަރަޙައްދެއްގައިކަން އަދި ކަނޑައެޅިފައި ނުވާކަމަށެވެ.

މިދިޔަ މަހު ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސް ވަނީ، ރ.އަތޮޅުގެ ދެކުނު ބިތުގައި ސަރުކާރުން އަޅާ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު 4 އެއަރޕޯޓެއް ހިމެނޭހެން، މި މަސައްކަތްތައް މިއަހަރު ފެށުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަލަށް ހަދާ އެއަރޕޯޓްތަކުގެ ބިން ހިއްކުމާއި، އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ ބީލަމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ރ.އަތޮޅުގައި ތަރައްޤީކުރާ ރ.އަލިފުށީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މި އެއަރޕޯޓްގެ މަސައްކަތް އަހަރުގެ ފަހު ކުއާޓަރަށް ނިމޭނެކަމުގެ ޔަގީންކަން ކޮންޓްރެކްޓަރ އެމްޓީސީސީން ދެއެވެ.