ޚަބަރު

އަހަރަކު 9 މިލިއަން ޓަނުގެ ކަދުރު؛ އެންމެ ގިނައީ މިސްރު ކަދުރު


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ރޯދަވީއްލާ ގަޑިއަށް ތަފާތު އެކި ބާވަތްތަކުގެ ކާނާ ތައްޔާރުކުރެއެވެ. އެކި ހިސާބުތަކުގައި މިކަންކުރަނީ އެކި ގޮތްގޮތަށެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ރޯދަވިއްލާ ވަގުތު އެއްގޮތްވާ އެއްކަމެއް ހަމަގާއިމުވެސް އޮވެއެވެ. އެއީ ކަދުރެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ މުސްލިމުންނަށްވެސް ކަދުރަކީ ރޯދަމަހު ވަރަށް މުހިއްމު އެއްޗެކެވެ.

ކަދުރަކީ އޭގައި އެތައް ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. އެގޮތުން ވިޓަމިން، މިނަރަލް، ފައިބަރ އަދި އެކި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑަންޓްވެސް ކަދުރުގައި ހިމެނެއެވެ. އަދި ގުދުރަތީ ހަކުރުގެ ބާވަތެއްކަމަށްވާ ފުރުޓްކޯސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށް ކަދުރުވުމުން، ދުވާލު އެއްކޮށް ނުކައި ހުރެފައި ހަށިގަނޑުގައި ވަރުޖެއްސުމަށް ކަދުރަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

އެއް ކަދުރުގައި 0.2 ގްރާމް ޕްރޮޓިން، 4 ގްރާމް ހަކުރު، 1.6 ގްރާމް ފައިބަރ، 5.3 ގްރާމް ކާބޯހައިޑްރޭޓް، 1.14 މިލިގްރާމް ސޯޑިއަމް އަދި 20 ކެލަރީ ހިމެނެއެެވެ. ކަދުރުގައި އެއްވެސް ވަރަކަށް ސަރުބީއެއް ނުހުރެއެވެ.

ކަދުރުގެ އެކި ބާވަތްތައް ހުރެއެވެ. އެކި ސަރަހައްދުތަކުގައި ހުންނަ ކަދުރުގެ ރަހައާއި ހުންނަ ގޮތްވެސް ތަފާތެވެ.

* މަޖްހޫލް: ސައިޒުން ބޮޑުކޮށް، ފޮނި ރަހައެއް، އެމްބަރ ކުލައިގައި ހުންނަ ރަހަގަދަ ކަދުރެއް

* މަބްރޫމް: ރަތް/މުށި ކުލައެއްގައި ހުންނަ މި ކަދުރަކީ އެހެން ކަދުރަށްވުރެ ހަރު، އަދި ފޮނި ރަހަ މަޑު ކަދުރެއް

* އަޖްވާ: މަޑުކޮށް ހުންނަ، ފޮނިރަހަ ގަދަ، މަދީނާގައި ހައްދާ އަދި އެންމެ ގިނަ ބަޔަކު ބޭނުންވާ އެއް ކަދުރު

* ދަގްލަތުނޫރު: މަޑު ކުލައެއްގައި ހުންނަ މި ކަދުރަކީ ކެއްކުމާއި ކޭކު އެޅުންފަދަ ކަންކަމަށް ބޭނުންކުރާ ކަދުރެއް

ކަދުރު ރުއްތައް ހައްދާތާ އެތައް ހާސް އަހަރެއް ވަނީ ވެފައެވެ. ކަދުރު ރުކުގައި ތެރޭގައި ހިމެނެނީ އަންހެން އަދި ފިރިހެން ރުކެވެ. އޭގެތެރެއިން ކަދުރު އަޅަނީ އަންހެން ރުކުގައެވެ.

ކަދުރު މޫސުމުގައި ކަދުރުރުކަކުން އާއްމުގޮތެއްގައި 100 ކިލޯއެއްހާ ކަދުރު ލިބެެއެވެ. އެއީ ގާތްގަނޑަކަށް 10000 ކަދުރެވެ.

ކަދުރުގެ ތެރެއިން އެންމެ އަގުބޮޑީ ސައުދީ އަރަބިއްޔާގެ މަދީނާގައި ހައްދާ އަޖްވާ ކަދުރެވެ.

ކަދުރަކީ ހޫނު މޫސުން އާއްމުގޮތެއްގައި އޮންނަ މެދުއިރުމަތި ފަދަ ސަރަހައްދުތަކުގައި ފަސޭހައިން ހައްދާ އެއްޗެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރަކު 9 މިލިއަން ޓަނުގެ ކަދުރު ދުނިޔޭގައި ހައްދައެވެ.

ދުނިޔޭގައި އެންމެ ގިނައިން ކަދުރު ހައްދަނީ މިސްރުގައެވެ. އެއީ ދުނިޔޭގެ ބާޒާރަށް ނެރޭ ކަދުރުގެ 18 އިންސައްތަ ނުވަތަ ކޮންމެ 5 ކަދުރަކުން އެއް ކަދުރެވެ. 17 އިންސައްތައާއެކު ދެވަނައިގައި އުޅެނީ ސައުދީ އަރަބިއްޔާއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ކަދުރު ހައްދާ އީރާނުން މާކެޓްގެ 14 އިންސައްތަ އުފައްދައެވެ.

މި 3 ގައުމުގެ އިތުރުން ދެން އެންމެ ގިނައިން ކަދުރު ހައްދަނީ އަލްޖީރިއާ، އިރާގް، ޕާކިސްތާނު، ސޫދާން، އޮމާން، ޓިއުނީޝިޔާ އަދި ޔޫއޭއީއެވެ.