ޚަބަރު

ގޯތި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ޖޫން ކުރީކޮޅު ނިންމާލެވޭނެ: އަސްލަމް


މާލެ ސަރަޙައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ޖޫންމަހުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރައްޔިތުން އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙާއްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދުފުޅެވެ.

މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާއި ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި، ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށެވެ. އަދި ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމާ ރިޕޯޓް ކުރެވޭނީ މެއިމަހުގެ ނިޔަލަށް ނުވަތަ ޖޫންގެ ކުރީކޮޅަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިވެލުއޭޝަންތައް ނިމުނީމާ އަޅުގަނޑު ބަލަނީ ކޮމިޓީން އަޅުގަނޑަށް ރިޕޯޓު ކުރާނެޔޭ، ކިހިނެއްކަން އިވެލުއޭޝަންގެ މަސައްކަތްގޮސް ނުކުތް ނަތީޖާއަކީ، އެ ބޭފުޅުންގެ މަސައްކަތް ނިންމާ ރިޕޯޓު ކުރެވޭނީ މެއިގެ ނިޔަލަށް ޖޫންގެ ކުރީކޮޅު" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން 4000 ފްލެޓާއި، 3000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނެވެ. އަދި 4000 ފްލެޓާއި، 1000 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެއިންނެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މި ޢަދަދު އިތުރުކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ހާމަކުރައްވާފައެވެ.

ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލުމުން އާއްމުންގެ ފަރާތުން 30،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ.

ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ސާފުކޮށް، އެތަންތަނުގައި މީހުން އާބާދުވުމަށްޓަކާ ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.