ޚަބަރު

4000 ފްލެޓް : ބައެއް ޔުނިޓްތަކުގައި މިހާރު ފިނިޝިންގެ މަސައްކަތްތައް ކުރިއަށް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބައެއް ޔުނިޓްތަކުގެ ފިނިޝިން މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހައުސިން ޔުނިޓުތަކެކެވެ. އެއީ 4000 ހައުސިން ޔުނިޓްގެ މަޝްރޫއެކެވެ.

ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އެ މަޝްރޫޢުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ނިމެމުންދާކަމަށާއި، ބައެއް ޢިމާރާތްތަކުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތްތަކެވެ. ނަމަވެސް މަޝްރޫޢާބެހޭ އިތުރު ތަފްޞީލެއް މިނިސްޓަރ މަޖިލީހުގައި ދެއްވާފައެއްނުވެއެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ މޮކަޕް ފްލެޓުތަކުގައި ފަރުނީޗަރު ހުރި ނަމަވެސް ފްލެޓު ދޭނީ ފަރުނީޗަރާއެކު ނޫން ކަމަށާއި މޮކަޕްގައި ފަރުނީޗަރު ހުރީ އެ ފްލެޓު ފަރުނީޗަރާއެކު ހުންނާނެ ގޮތް ދައްކާލުމަށް ކަމަށެވެ.

"އަޅުގަނޑު މި މަސައްކަތް ކުރިއަށްދާ ތަނަށް ދިޔައިން. ޔަޤީނުންވެސް ބުނަން އެނގޭ މިހާރު ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމި އެތަނުން ބައެއް ފްލެޓްތަކުގައި ފިނިޝިންގެ މަސައްކަތްތައް ކުރިއަށްދާކަން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ހައުސިންގ ޔުނިޓްތައް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. އަދި އެ 13 ޓަވަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަކީ އަމާޒެއްކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. އެހެންނަމަވެސް މުޅި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.

މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމޭއިރު ހުންނާނެގޮތް އާއްމުން ދެއްކުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ދެ ޔުނިޓެއް ތައްޔާރުކޮށްފައެވެ. މި ދެ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭއެމްސީން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ. "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ 3 ކޮޓަރީގެ 2 ޔުނިޓެކެވެ. މި 2 ޔުނިޓް ބަލާލުމުގެ ފުރުޞަތު ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ އާއްމުންނަށްވެސް ހުޅުވާލާފައެވެ.