ޔަހޫދީ އިސްރާޢީލުން ސޫރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ސޫރިޔާގެ އަސްކަރިއްޔާގެ ފަސް ސިފައިން ޒަޚަމުކޮށްލައިފިއެވެ. ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ ހަމަލާތައް ދީފައި ވަނީ ސޫރިޔާގެ ހުޅަނގުގައިވާ ހުމުޞް ޕުރޮވިންސަށެވެ. މިއީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާޢީލުން ސޫރިޔާއަށް ވައިގެ ހަމަލާތައް ދީފައިވާ ތިންވަނަ ފަހަރެވެ.
އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު އިސްރާޢީލުން ވައިގެ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރަގަދަ އެއް ގޮފި ކަމުގައިވާ ރިވޮލޫޝަނަރީ ގާޑްސްގެ ދެ އަސްކަރީ މުޝީރުން މަރުވިއެވެ. އީރާނުން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. އިސްރާޢީލުން އެންމެ ފަހުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކަކަށް ކަމުގައި ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
އިސްރާޢީލުން ދީފައިވާ ބައެއް ހަމަލާތައް ސޫރިޔާގެ އަސްކަރިއްޔާއިން ދިފާޢުކޮށްފައިވާ ކަމަށާއި، އެއް ހަމަލާގައި އަސްކަރިއްޔާގެ ފަސް ސިފައިން ޒަޚަމުވި ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، އެ ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. މި ހަމަލާއާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރަން ޔަހޫދީ އިސްރާޢީލުން ވަނީ ދެކޮޅު ހަދާފައެވެ.
އިސްރާޢީލުގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހުމުޞްގެ ތަދްމުރާއި ޤުޞައިރު ސިޓީ ކައިރީގައި އޮންނަ ދާބާ ވައިގެ ބަނދަރަށް ކަމުގައި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނެއެވެ. އެ ސަރަޙައްދަކީ އީރާނުން ވާގިވެރިވާ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲއިން ހަރަކާތްތެރިވާ ސަރަޙައްދުތަކެއް ކަމަށް ބެލެވެއެވެ. ހުމުޞްގައި އީރާނުގެ ގިނަ ޢަދަދެއްގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ވެސް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރެއެވެ.
ނަމަވެސް، ސޫރިޔާގެ ސަރުކާރުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި، އީރާނުގެ ސިފައިންގެ ފައުޖުތައް އެ ޤައުމުގެ ހަރަކާތްތެރިވަމުން ނުދާ ކަމުގައި ސޫރިޔާއިން ބުނެއެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލުން ދޭތެރެދޭތެރެއިން ސޫރިޔާއަށް ޒިޔާރަތް ކުރާ ކަމަށް ހުޅަނގުން ތުހުމަތުކުރެއެވެ.
2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައިގެ ތެރެއަށް ޔަހޫދީ އިސްރާޢީލުން ވެސް ވަނީ ވަދެފައެވެ. އަދި، ސޫރިޔާގެ ސަރުކާރާއި، ސަރުކާރަށް ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކާ ދެކޮޅަށް ހަމަލާދޭން ފަށާފައެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުން ވާގިވެރިވާ ޖަމާޢަތްތަކާއި، ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުގެ ހަނގުރާވެރިންނަށެވެ.
މި ހަމަލާތަކާ ގުޅިގެން އިސްރާޢީލުން މީޑިޔާގައި މަޢުލޫމާތު ހިއްސާކޮށްފައި ނުވި ނަމަވެސް، ސޫރިޔާގައި ނުފޫޒާއި ބާރު ފަތުރަން އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ޔަހޫދީ އިސްރާޢީލުން ދަނީ ބުނަމުންނެވެ. މާރިޗު 12 ވަނަ ދުވަހު އިސްރާޢީލުން ސޫރިޔާގެ ދެވަނައަށް އެންމެ ބޮޑު ބަނދަރުމަތީ ރަށް ތަރްތޫސާއި ޙަމާއާ ދެމެދުގައި އޮންނަ ސަރަޙައްދަށް ވެސް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އެ ހަމަލާގައި ސޫރިޔާގެ ސިފައިންގެ މީހެއްގެ އިތުރުން އިތުރު ދެ މީހުން މަރުވިއެވެ.
މާރިޗު މަހުގެ 7 ވަނަ ދުވަހު ވެސް ޔަހުދީ އިސްރާޢީލުން ވަނީ ސޫރިޔާގެ ޙަލަބަށް ވަރުގަދަ ހަމަލާތަކެއްދީ، ތިން މީހުން މަރައިލާފައެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޙަލަބުގެ ވައިގެ ބަނދަރަށެވެ. ފެބުރުވަރީ 19 ވަނަ ދުވަހު ވެސް ޔަހުދީ އިސްރާޢީލުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 15 މީހުން މަރައިލިއެވެ. އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ، ސޫރިޔާގެ ދިފާޢީ އިދާރާތަކުން ބޭނުންކުރާ މަރުކަޒަކަށެވެ.