ޚަބަރު

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފި


ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އުނގޫފާރު މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 31 އޮކްޓޫބަރު 2021 ގައެވެ.

ރ. އަތޮޅު ވެރިކަން ކުރާ ރަށް ކަމުގައިވާ އުނގޫފާރަކީ އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް އެ އަތޮޅު މީހުން ޒިޔާރަތް ކުރާ ރަށެކެއެވެ. ތަޢުލީމު އުނގެނުމާއި، ޞިއްޙީ ފަރުވާއާއި، ބެންކިންގ ޚިދުމަތްފަދަ ކަންކަން ލިބިގަތުމަށް ކޮންމެ ދުވަހަކުހެން ރަށަށް ގިނަ ބަޔަކު އަރައި ފައިބައި ހަދައެވެ. މި ގޮތުން އެ ރަށުގެ ރައްޔިތުން އަދި ރަށައް އަރާ ފައިބާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ މަގުތަކުގައި ޙާލަތު ދަށްވުމެވެ. ނަމަވެސް އެކަމަށް ހައްލު ހހޮދައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ އެރަށު މަގު ހެދުމުގެ މަޝްރޫޢު ދަނީ ބާރަށް ކުރިއަށްދަމުންނެވެ. އެމްޓީސީސީން ވިދާޅުވީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ 51 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ. އަދި މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ ނިމިފައިވާއިރު، ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، މިހާރު ކުރިއަށްދަނީ ދުވާރު އެޅުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ މައި 5 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އެގޮތުން އެރަށުގެ އެތެރޭގެ 4 މަގަކާއި، ބަނދަރުމަގުގައި ތާރު އެޅުން ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވަނީ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތަކެވެ. އަލަށް ތަރައްޤީކުރާ މަގުތަކާއެކު މުޅި މަޝްރޫޢު އެއްކޮށް ނިމޭއިރު ރަށުގެ 17 މަގެއް ތާރުއަޅާ ތަރައްޤީކުރެވިގެންދާނެއެވެ.