ޓުއަރިޒަމް

އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުން ސީދާ ފްލައިޓްތައް ރާއްޖެއަށް


އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް، އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުން ސީދާ ދަތުރުތައް ރާއްޖެއަށް އޮޕަރޭޓް ކުރުމަށް ބައެއް އެއަރލައިންތަކާއެކު މަޝްވަރާ ކުރައްވާފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާބެހޭ ވަޒީރު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އިންޑިޔާގެ ޤައުމީ އެއަރލައިންގެ އިތުރުން އިންޑިގޯއާއެކު މިކަމާގުޅޭ މަޝްވަރާތައް ކުރައްވާފައި ވާކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް އެވަރެޖްކޮށް އަހަރެއްގެ މައްޗަށް 50،000 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އަދި މި ޢަދަދު އިތުރުކުރެއްވުމަށް އިންޑިޔާ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިންޑިޔާގެ ކުންފުނިތަކާއި ބައެއް އެއަރލައިންތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރައްވާފައިވެއެވެ. ފަތުރުވެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރާއްޖެއަށް އިންޑިޔާގެ ފަތުރުވެރިން ގެނައުން އިތުރުކުރުމަށް މަޝްވަރާތަށް ކުރެވިފައިވާއިރު، އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުން ސީދާ ފްލައިޓްތައް ރާއްޖެއަށް އޮޕަރޭޓްކުރުމުގައި ހިފެހެއްޓުންތަކެއް ހުރުމުން އެކަމަށް ޙައްލެއް ހޯއްދެވުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން އިންޑިޔާގެ ބޮޑު ދެސިޓީ ނިއުދިއްލީއާއި މުމްބާއީން ސީދާ ފްލައިޓްތައް ރާއްޖެއަށް އޮޕަރޭޓްކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުން ހަދާފައިވާ ޒަމާންވީ އެއްބަސްވުންތަކަށް ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުގެ އިތުރުން މައި ދެ ސިޓީ މުމްބާއީއާއި ނިއުދިއްލީއަށް ސީދާ ފްލައިޓް އޮޕަރޭޓް ކުރުމަށް މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާނީ އިންޑިޔާގެ ޤައުމީ އެއަރލައިނުންނެވެ.