ޚަބަރު

އުފާވެރި ދިރިއުޅުމަކަށް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން މުހިންމު


އިންސާނާގެ ހަށިގަނޑަކީ މާތް ﷲ އެ އިންސާނާއަށް ދެއްވާފައިވާ ވަރަށް އަގު ބޮޑު ނިއުމަތެކެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން އިސްލާމްދީނުގައި ނަހީކުރައްވާފައިވާއިރު، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އިސްލާމްދީން ބާރު އަޅައެވެ.

ޞިއްޙަތު ސަލާމަތުން ބެހެއްޓުމަކީ އޭގައި ނުހަނު ގިނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. އެގޮތުން މި ރިޕޯޓްގައި އަލިއަޅުވާލަން ގަސްތުކުރަނީ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ދުރުހެލިވާންޖެހޭ ބައެއް އާދަތަކަށެވެ.

ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުން:

ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެނީ ކާބޯތަކެތީގެ ޒަރިއްޔާއިން ކަމަށްވާއިރު، ހަށިގަނޑުގެ ތެރޭގައި ހުރި ހުރިހާ ނިޒާމްތައް ފުރިހަމައަށް މަސައްކަތްކުރުމަށްޓަކާ ރަނގަޅު ކާނާ ވަރަށް މުހިއްމެވެ.

ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީންގެ އިތުރުން ކޮންމެ ދުވަހަކުވެސް ވިޓަމިނާއި މިނަރަލް ހަށިގަނޑަށް ބޭނުންވެއެވެ. ތަފާތު ވިޓަމިންތަކާއި މިނަރަލްސް ހޯދުމަށް ކެއުމުގައި ހަށިގަނޑަށް ވީހާވެސް ގިނައިން ހަށިގަނޑަށް ފައިދާހުރި ތަރުކާރީއާއި މޭވާއާއި ފަތްޕިލާވެލީގެ ބާވަތްތައް ކެއުމުގައި ބޭނުންކުރަން މަސައްކަތް ކުރާށެވެ.

ގުދުރަތީ ގޮތުން ނިއުޓްރިއެންޓް ގިނަ ބާވަތްތައް ކެއުމަށް އާދަކުރާށެވެ. އެއްގަމު މަސް، ކަނޑު މަސް، ގޮދަން، ޑެއިރީ، ލެގިއުމްސް، ނަޓްސް، އަދި ތޮޅި އޮށުގައި ވެސް ނިއުޓްރިއެންޓްސް ގިނަ ޢަދަދަކަށް ހިމެނެއެވެ. މިންހެޔޮ ކެއުމަށް ޚިޔާރުކުރާށެވެ.

ސިނގިރޭޓާއި، އެނަރޖީ ޑްރިންކްސް "ކޫލެއް" ނޫން!

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުމާއި، ސޮފްޓް ޑްރިންކްސްއާއި، އެނަރޖީ ޑްރިންކްސްއަށް މަރުދޭ މީހުން ވަކި މަދެއްނޫނެވެ. އެއްބަޔަކު މިކަން ކުރަން މިއީ ވަރަށް "ކޫލް" ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އަނެއްބަޔަކު ރައްޓެހިންގެ އަވައިގައި ޖެހިގެންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ދެވި ހިފާފައި ތިބޭ މީހުންވެސް ވަކި މަދެއް ނޫނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އަދި ފުއްޕާމޭގެ ކެންސަރު ޖެހުމަށްވެސް މަގުފަހިވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނޭވާ ކުރުވެ، ހަށިގަނޑު ބަލިކަށިކޮށްދޭ ފަދަ ކަމެކެވެ.

އެނަރޖީ ޑްރިންކްސްތަކަކީ ތަފާތު ކެމިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ބުއިމަކަށްވާއިރު، މިއީ ގިނަ ޢަދަދަކަށް ހަކުރުވެސް ހިމެނޭ ބުއިންތަކެކެވެ. މިފަދަ ބުއިންތަކަކީ ކިޑްނީ ފެއިލްވުމަށް މަގުފަހިވާ ބުއިންތަކެއްގެ ގޮތުގައި ޑޮކްޓަރުންވެސް ސިފަކުރައްވައެވެ.

އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެނަރޖީ ޑްރިންކްސް ފަދަ ބުއިންތަކުން ދުރުހެލިވުން މުހިއްމެވެ.

ބަރާބަރަށް ނިދުމާއި ގަވާއިދުން ކަސްރަތުކުރުމަށް އާދަކުރަމާ!

ބަރާބަރަށް ނިދުމުގެ ސަބަބުން ލިބޭ ފައިދާތައް ގިނައެވެ. އެގޮތުން އަވަސް އަވަހަށް ބަލިވުން މަދުކޮށްދީ ނުރައްކާތެރި އެކި ބަލިތަކުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑެވެ. ހަމަ ނިދި ލިބުމަކީ ތިމާގެ ހަށިގަނޑާއި ސިކުނޑި ތާޒާކޮށްދީ، ސްޓްރެސް ފިލުވައިދޭ ކަމެކެވެ. ތިމާ ޖެހިގެން އަންނަ ދުވަހަށް ތައްޔާރުކޮށްދޭ ކަމެކެވެ.

ދުވާލު ހަތަރުދަމު މަސައްކަތްކުރާ ފަރާތްތަކާއި، ކިޔަވާ ދަރިވަރުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހަމަނިދި ވަރަށް މުހިއްމުކަން ޑޮކްޓަރުންވެސް ފާހަގަކުރެއެވެ. ގިނަ ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ފުރާވަރު އުމުރުގެ ކުދިން އާންމުކޮށް ނިދަން ޖެހެނީ 8 ގަޑި އިރާއި 10 ގަޑި އިރާއި ދެމެދެވެ. ބޮޑެތި މީހުންނަށް މަދުވެގެން ރޭގަނޑު 7 ގަޑިއިރުގެ ނިދި ބޭނުންވެއެވެ.

ބަރާބަރަށް ނިދުމަށްފަހު، ގަވާއިދުން ކަސްރަތު ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ގަވާއިދުން ކަސްރަތުކުރާ ފަރާތްތަކުގެ ލޭގެ ކޮލެސްޓްރޮލް ލެވަލް ދަށްކޮށްދީ، ލޭ މައްޗަށް ދިއުން ދަށްކޮށްދެއެވެ. އަދި ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގައި ވަރު ޖައްސައިދެއެވެ.