ވިޔަފާރި

ސައުދީން ސާފުނުކުރާ ތެޔޮ ގެނައުމުގެ މަޝްވަރާތައް ކުރިއަށް


ސަޢޫދީން ރާއްޖެއަށް ސާފުނުކުރާ ތެޔޮ ގެނައުމުގެ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށް، ސަރުކާރުން ހާމަކުރައްވައިފިއެވެ.



ރާއްޖެއަށް ސާފުނުކުރާ ތެޔޮ ސަޢޫދީން ގެނައުމުގެ މަޝްވަރާގެ ތެރެއިން މިހާރު ކުރިޔަށްދަނީ ސާފުނުކުރާ ތެޔޮ ސާފުކުރާނެ ފަރާތަކާއެކު އެކަށައަޅަންޖެހޭ އެއްބަސްވުންތަކުގެ މަސައްކަތްކަމަށްވެސް ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. ސަޢޫދީން ރާއްޖެއަށް ސާފުނުކުރާ ތެޔޮ ގެނައުމުގެ މަޝްވަރާތައް ދޭތެރެއަކުން މަޑުޖެހުމެއް އައިނަމަވެސް މިހާރު އެ މަޝަވަރާތައް ފެށިގެން ކުރިޔަށްދާކަމަށް ޝައިނީ ވިދާޅުވިއެވެ.



މި މަޝްވަރާތަކުގެ ތެރޭގައި ސާފުނުކުރާތެޔޮ ގެނެސް ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް މިމަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިޔަށްދާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ހަމަ މިއާއެކު ސަރުކާރުން ވިދާޅުވީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައިވާތީ މިކަމާއިގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން މިހާރުގެ ހާލަތަށް ބަލައި ރާއްޖެއަށް ސަޢޫދީން ސާފުނުކުރާ ތެޔޮ ގެންނާނީތޯ ނުވަތަ ސާފުކޮށްފައި ހުރި ތެޔޮ ގެންނާނީތޯ، މިކަމަށް އދި ވަކި ގޮތެއް ނިންމަވާނުލެއްވޭކަމަށެވެ.



ރައީސް ޔާމީން ޙައްޖަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ރަސްގެފާނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ހޯއްދެވުމާ ބެހޭގޮތުން ކުރެއްވި މަސައްކަތްޕުޅުގައި ސަޢޫދީން ރާއްޖެއަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.