ޚަބަރު

ޕްރޮޖެކްޓް މޮބިލައިޒްކޮށްފި، ގުޅީފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު އޭޕްރިލްގައި ފަށަނީ


ގުޅީފަޅު ހިއްކުމުގެ ބޮޑު މަޝްރޫޢު އޭޕްރިލްމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ ކުންފުނިން މިހާރު ވަނީ ގުޅީފަޅުގައި މޮބިލައިޒްކޮށް، އެކަމަށް ބޭނުންވާ ތައްޔާރީތައް ފަށާފައެވެ. މި ޕްރޮޖެކްޓުގެ ދަށުން 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ޚާއްޞަކުރަނީ ސަރުކާރުން ގުޅީފަޅުގައި ތަރައްޤީކުރާ ސަރަޙައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތަށެވެ. މިއީ މާލޭގައި ހިންގަމުންދާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް ގުޅީފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ މަޝްރޫޢުއެވެ.

ބޮސްކާލިސް ކުންފުންޏަކީ މީގެކުރިންވެސް ރާއްޖޭގައި އެކިއެކި ޕްރޮޖެކްޓްތަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކުންފުންނެވެ. އެ ކުންފުންޏާ ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް ޙަވާލުކޮށްފައިވަނީ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކީ 2010 ވަނަ އަހަރު ގުޅީފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކި ކުންފުންޏެވެ. އަދި 2019 ވަނަ އަހަރު ގުޅީފަޅުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްގެންގޮސް އެކުންފުނިން ވަނީ، ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމާފައެވެ.

ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ބޮސްކާލިސް ކުންފުނިން ގުޅީފަޅަށް މޮބިލައިޒްވެ، މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާކަމަށެވެ.

ބިން ހިއްކާ ސަރަޙައްދު ކަނޑައަޅާ، އެ ސަރަޙައްދުގެ ބައުންޑް ވޯލް ޖެހުމުގެ މަސަައްކަތް މިހާރުވެސް ފަށާފައިވާކަމަށް ޕްލޭނިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. އޭޕްރިލް މަހުގެ ތެރޭގައި ބިން ހިއްކަން ވެލި އަޅަން ފަށާނެކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި، ފަޅަށް އަޅާނެއެވެ. އަދި ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.

މިނިސްޓްރީއިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަހުކޮޅަށް މުޅިން ނިންމާނެކަމަށެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޮސްކާލިސްއާއެކު އެއްބަސްވެފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

މި ޕްރޮޖެކްޓް ފެށުމުގެ ކުރިން އެ ސަަރަޙައްދުގެ ތިމާވެއްޓާ ބެހޭ ރިޕޯޓް ވަނީ ތައްޔާރުކޮށްފައެވެ. އެ ކުންފުނިން ބުނެފައިވަނީ މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ ތިމާވެއްޓާ ރައްޓެހިކޮށް، ތިމާވެއްޓަށް ވާ ގެއްލުން ވީހާވެސް ކުޑަވާނެގޮތަށްކަމަށެވެ.

އެގޮތުން އެ ސަރަޙައްދުގެ ފަރުގެ މުރަކަ އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ލޮނުގަނޑުގައި ކިސަޑުކަން ފެތުރޭ މިންވަރު ކުޑަކުރުމާއި، އެ ސަރަޙައްދުގެ މޫދު ލޮނުގެ ކޮލިޓީއަށް އަންނަމުންދާ ބަދަލުވެސް ޤަވާއިދުން ބަލަމުންދާނެކަމަށް ބޮސްކާލިސްއިން ބުނެއެވެ.

ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ތަރައްޤީކޮށްފައިވާ ފަޅެކެވެ. 2010 ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ. ނަމަވެސް 2013 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ. ވޭތިވެދިޔަ ގާތްގަނޑަކަށް އަށްވަރަކަށް އަހަރު އެތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަނެއްކާވެސް މިވަނީ ގުޅީފަޅުގައި މީހުން އާބާދުކުރުމަށް ނިންމާފައެވެ. އެގޮތުން ގުޅީފަޅުން 2000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.