ޚަބަރު

ވިނަރެސް ފްލެޓުގެ ޕޮއިންޓް އެއްވަރުވި މީހުންގެ ގުރުއަތު ނަގަން ފަށައިފި


ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓުގައި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ގުރު ނަގަން ފަށައިފިއެވެ.

ވިނަރެސްގެ ދާއިމީ ލިސްޓް އިޢުލާންކުރީ މިދިޔަ ފެބްރުއަރީމަހުގެ 2ވަނަ ދުވަހުއެވެ. ދާއިމީ ލިސްޓް ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މުރާޖާކޮށް ކަނޑައަޅާފައިވާ މިންގަނޑަށެވެ.

ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޯ އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކާއި އަދި ދެމަފިރިން ވަކިން ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުތަކުގައި ސޮއިކޮށްފައިވާ ފަރާތްތައް ވަނީ މި ލިސްޓުން އުނިކޮށްފައެވެ. އަދި ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީން ހުށަޅާފައިވާ ފަރާތްތަކަށްވެސް އިތުރު ފުުރުޞަތެއް ނޯންނާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހުގައި، ބުކިންގ ފީ ނެގުމާއި "ވިނަރެސް" އެޕާޓްމަންޓް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށެވެ. މި ފުރުޞަތު ދޭނީ ލިސްޓު ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތަށެވެ.

ގުރުއަތުނެގުން ކުރިއަށްދާ ވަގުތުގައި އެޗްޑީސީގެ ރަސްމީ "ފޭސްބުކް ޕޭޖް"އިން ލައިވްކޮށް ދައްކާނެއެވެ. އަދި ގުރުއަތުނެގުން ކުރިއަށްދާގޮތް އޮބްޒާވްކުރުމުގެ ފުރުޞަތުު، ފްލެޓް ލިބޭ 2 ކެޓަގަރީން މަދުވެގެން 5މީހުންނަށް ދޭނެއެވެ.

މިކައިމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުުޅުމަށް ވަނީ އެދިފައެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން ވަނީ، ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފް އަދި ގުޅީފަޅު މަޝްރޫޢުގައި ބައިވެރިވި މީހުންނަށް ފްލެޓްހޯދުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް މިނިސްޓްރީން މިހާރު ތަރުތީބުކުރާ ލިސްޓްގައި މި ކެޓަގަރީތައް ނުހިމެނެއެވެ.

ވިނަރެސް މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްޤީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އޭގެތެރެއިން މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.047 މިލިއަން ރުފިޔާއާ ދެމެދުގައެވެ.