ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު ފެންނަމުންދާ ގޮތަށް ބަލާއިރު، ދަޢުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގައި ދައްޗެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ 2023 އިން 2025 އަށް ފިޒިކަލް އަދި ދައުލަތުގެ ދަރަނި ސްޓްރެޓެޖީ އަދި ބަޖެޓްގެ ކޭޝްފްލޯ ޕްލޭން މަޖިލީހާއި ހިއްސާ ކޮށްފައި ވާނެކަމަށެވެ. ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާން އަދި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޭޝްފްލޯ ޕްލޭންއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން އެކަށައަޅާފައިވާ ޕްލޭނާއި އެއްގޮތަށް ދައުލަތުގެ މާލީ ކަންކަން ކުރިއަށްދާކަމަށެވެ.
ސަރުކާރުން އެކިއެކި ސިޔާސަތަށް ގެންނަ ބަދަލާއިއެކު އެންމެ ބޮޑު އަމާޒަކަށް ހަދާފައިވަނީ އިޤްތިޞާދު ކުރިއެރުވުން ކަމަށާއި، އެގޮތުން ވަޒީފާ އިތުރުކޮށް ތަކެތީގެ އަގު ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއްސިޔާސަތުކަމަށެވެ. ފާއިތުވެދިޔަ ހަތަރު އަހަރުގެ ދައުލަތުގެ އިޤްތިޞާދީ ހާލަތަށް އައި ބަދަލުތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު ދައުލަތުގެ އިޤްތިޞާދު 7.5 އިންސައްތަ ކުރިއެރި ކަމަށެވެ. 2020 ވަނަ އަހަރު ކޯވިޑުގެ ހާލަތާއިއެކު އިޤްތިޞާދު 33 އިންސައްތަ ދަށަށް ދިޔައިރު، 2021 ވަނަ އަހަރު ސަރުކާރުން އެޅި އިޤްތިޞާދީ ފިޔަވަޅުތަކާއިއެކު 42 އިންސައްތަ ކުރިއެރި ކަމަށެވެ. އަދި 2022 ވަނަ އަހަރު 12.3 އިންސައްތަ ކުރިއެރިއިރު، މިއަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން އަންދާޒާ ކުރާ މިންވަރަށް ހިފެހެއްޓިފައި ހުންނާނެކަމަށް ލަފާ ކުރެވޭކަމަށެވެ. މިއަހަރަށް ލަފާކުރި ބަޖެޓުގައި އިންފްލޭޝަން ހުންނާނެކަމަށް ލަފާކުރީ 5.4 އިންސައްތައިގައި ކަމަށާއި، ނަމަވެސް މިއަހަރުގެ މިހާތަނަށް އިންފްލޭޝަން ހުރީ 3.9 އިންސައްތައިގައި ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުންނާއި، ކޭޝްފްލޯ މެނޭޖް ނުކުރެވޭނެކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މެމްބަރު ޔައުގޫބް ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ ކޭޝްފްލޯ މެނޭޖްކޮށް، މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރެވިގެން ދާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑުބައެއް ހިއްސާކުރާ ފަތުވެރިކަން އަންދާޒާ ކުރި މިންވަރަށް ވުރެވެސް ހުރީ ރަނގަޅަށް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ފަތުރުވެރިކަމުގެ ދާއިރާ ހުރީ އަންދާޒާ ކުރި ވަރަށްވުރެ 4 އިންސައްތަ މަތިކޮށް ކަމަށެވެ. އަދި ޓެކްސް ރެވިނިއު ހުރީ 30 އިންސައްތައިގައި ކަމަށާއި، މިހާރު މިދާ މިސްރާބުގައި ހިފެހެއްޓޭނަމަ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.