ވިޔަފާރި

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލްކުރުން


މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.



ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަނީ ސަރުކާރާއި އެމްޕީއެލް ގުޅިވަޑައިގެންކަމަށެވެ. ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމުގެ ކުރިން ސަރުކާރުން މިހާރު ގެންދަވަނީ، ބަނދަރު ހިންގަވާނެ ގޮތުގެ މޮޑެލްއަކާމެދު ބޭރުގެ ކުންފުންޏަކާއެކު މަޝްވަރާ ކުރައްވަމުންނެވެ. އަދި މޮޑެލް ފައިނަލްވެ އެމްޕީއެލްއާ ގުޅިގެން ބަނދަރު ހިންގާނެ ފަރާތެއް ކަނޑައެޅުނުހާ އަވަހަކަށް ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.



މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރައްވަން ސަރުކާރުން ނިންމަވާފައިވަނީ، ރާއްޖޭގެ އިޤްތިޞާދު ފުޅާވަމުންދާއިރު، އިޤްތިޞާދީ ބޭނުންތަކަށް އެކަށޭނެ ޖާގަ މިހާރު ވިޔަފާރި ބަނދަރުގައި ނެތުމުންކަމަށް ޝަރީފް ވިދާޅުވިއެވެ. މާލޭގައި މިހާރު އޮންނަ ވިޔަފާރި ބަނދަރަކީ، ގާތްގަނޑަކަށް 1،500 ކޮންޓެއިނަރުގެ ޖާގައިގެ ބަނދަރެއް ނަމަވެސް އެވްރެޖްކޮށް 3،000 އާއި ގާތްކުރާ ޢަދަދަކަށް ކޮންޓެއިނަރ ބަހައްޓަން ޖެހޭކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.