ތިލަފުށީގައި މިހާރު ހިއްކަން ފަށާފައިވާ 20 ހެކްޓަރުގެ ބިން، 4 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ. މި ޕްރޮޖެކްޓަކީ މުޅި ތިލަފަޅު ހިއްކުމަށް ފަށާފައިވާ މަޝްރޫޢެކެވެ.
ތިލަފުށި ހިއްކުމުގެ ވިސްނުމަކީ، މާލެ ސަރަޙައްދުގެ މައި އިޤްތިޞާދީ ހަބުގެ ގޮތުގައި އެރަށް ތަރައްޤީކުރުމެވެ.
ތިލަފުށީގައި އަލަށް ސަރަޙައްދުތައް ހިއްކަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާފައިވަނީ 20 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތެވެ. މިމަސައްކަތުގެ ދަށުން ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ނިމި، މިހާރު ވަނީ ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.
އެޗްޑީސީން މަޢުލޫމާތުދޭގޮތުގައި، ފުރަތަމަ ހިއްކާ 20 ހެކްޓަރުގެ މަސައްކަތް ކުރިއަށް އޮތް 4 މަސްތެރޭގައި މުޅިން ނިންމާލެވޭނެއެވެ.
ތިލަފުށީ މާސްޓަރ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެޗް.ޑީ.ސީން މީގެކުރިން ވިދާޅުވެފައިވެއެވެ.
ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ. އެޗްޑީސީން ވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.
ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތުވެސް ތިލަފުށީގައި 200އަށްވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންއާދެއެވެ.
2000 ގެ ކުރީކޮޅު ބޭނުން ކުރަން ފެށި ތިލަފުށި، މިއަދާހަމައަށްވެސް އޮތީ އުމްރާނީގޮތުން މާބޮޑު ބަދަލުތަކެެއް ނެތިއެވެ. އޭރު ހިއްކާ ބޭނުންކުރަން ފެށި ސަރަޙައްދުގެ އިތުރުން، 2017 ވަނަ އަހަރު، ފަޅުން އިތުރު ބައެއް ހިއްކިއެވެ. ނަމަވެސް ތިލަފުށީގެ ޚިދުމަތްތައް ބަހާލެވިފައި އޮތީ މާބޮޑު ރޭވުންތެރިކަމެއްނެތިއެވެ. އަދި އެތަނުން ވިޔަފާރިވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައްވެސް އެކަށީގެންވާގޮތުގައި ދެމުން އައިސްފައެއް ނުވެއެވެ.
މާސްޓަރ ޕްލޭނާއެކު ތިލަފުށީގެ ޚިދުމަތްތައް ރާވާ ހިންގުމުގެ މަސައްކަތް އެތައް ގުނައެއް ހަރުދަނާވާނެއެވެ. އަދި އިތުރު ގިނަ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.