ވިޔަފާރި

އެސް.އީ.ޒެޑްގެ ސަބަބުން ގިނަ ޕްރޮޖެކްޓްތަކެއް ދަނީ ލިބެމުން


ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އެސްއީޒެޑް ޤާނޫނު އައި ފަހުން ރާއްޖެއަށް ގިނަ ޢަދަދަކަށް ޕްރޮޖެކްޓުތައް ލިބިފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ޝައިނީ ވިދާޅުވީ އެސްއީޒެޑް ޤާނޫނުގެ ދަށުން ރާއްޖެއަށް ގިނަ ޕްރޮޖެކްޓު އައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ އެންމެ ޕްރޮޖެކްޓެއް ނޫންކަމަށާއި، ގިނަ ޕްރޮޖެކްޓުތަކެއް އައިސް އޭގެ މަސައްކަތްތައްވެސް މިހާރު ކުރިޔަށްދާކަމަށެވެ. ސަރުކާރުން އެސްއީޒެޑްގެ ގާނޫނެއް، ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ އެސްއީޒެޑްގެ ޤާނޫނު އައުމުގެ ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދީ ޙާލަތު އޮތީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއައިސް އިންވެސްޓު ކުރެވޭނެފަދަ ގޮތެއް ނެތުމުންކަމަށެވެ. އެހެންކަމުން އެސްއީޒެޑްގެ ޤާނޫނުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި ތަނެއްގެ ގޮތަށް ރާއްޖެ ދައްކުވައި ދެވިފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ އެސްއީޒެޑް ބޯޑުގައި މިހާރުވެސް ބޮޑު ޕްރޮޖެކްޓެއްގެ މަޝްވަރާއްތައް ކުރިޔަށްދާ ކަމަށެވެ. އެއީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ރީލޮކޭޓްކުރުމުގެ ޕްރޮޖެކްޓުކަމަށް ޝައިނީ ވިދާޅުވިއެވެ. އެސްއީ ޒެޑްގެ ދަށުން ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓަތައް ލިބެމުންދާއިރު އިންވެސްޓްމަންޓުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށް އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.