ޚަބަރު

ފިޔަވަތި - އެތައް މަންމައެއްގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔާވެއްސެއް


"ފިޔަވަތީގެ ދޮރުމަތިން ހިނގާލާފައި ދާއިރު އަސްލު ދާއިރު ޙަގީގަތުގައި މިތާ ހަތަރު ފާރު ތެރޭގައި ހިނގާ ކަންތައްތައް ވާގޮތެއް ނޭނގޭނެ. އަސްލު މުޖުތަމަޢު ދެކޭގޮތް ވަރަށް ތަފާތު. މިތަނަށް އައިސް ކުދިންނާއި ވާހަކަދައްކާލާ، ކުދިންނާއެކު މިހެން އުޅެލީމަ އަސްލު އިނގޭނީ މިތާނގެ ޙަގީގަތާއި ކުދިންގެ ޙަގީގަތްވެސް." މިއީ ފިޔަވަތީގައި ތިބި އެންމެ ތުއްތު ކުދިން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ކެއަރވޯކަރއަކު އެތަނާއި މެދު މުޖުތަމަޢު ދެކޭގޮތް ހާމަކޮށްދިން ގޮތެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ގުޅުވާ އެކި ދުވަސްވަރު އެކި ވާހަކަތައް އަޑުއިވެއެވެ. އެގޮތުން އަޅުގަނޑު މިފަހަރު މަސައްކަތް ބައްޓަންކުރީ މިތަންތަނުގައި ތިބި ކުޑަކުދިންނާއި އެކުދިންގެ ޙަޔާތުގެ ހިތްދަތި ބައެއް ވާހަކަތައް ޢާއްމުނަށް ތިލަކޮށްދިނުމަށެވެ. މިގޮތުން ކުރެވުނު މަސައްކަތުގައި އަޅުގަނޑުގެ އެތައް ވަގުތެއް ފިޔަވަތީގައި ހޭދަކުރީމެވެ. ކުދިންނާއި އަދި އެތަނުގައި މަސައްކަތްކުރާ އެކި މުވައްޒަފުންނާއެކުގައެވެ.

"ފިޔަވައްޗަކީ އެކުދިންގެ ގެ"

ފިޔަވައްޗަކީ އެކި ސަބަބު ތަކާއި ހެދި، ދައުލަތަށް ނަގާ ކުދިން ބަލަހައްޓާ މަރުކަޒެވެ. އެއީ ޢާއްމުންނަށް މަރުކަޒެއްގެ ގޮތުގައި ސިފަވީނަމަވެސް ފިޔަވަތީގެ ސީ.އީ.އޯ، ޒީނާ ޤާސިމް ސިފަކުރައްވަނީ އެއީ އެކުދިންގެ ގެކަމަށެވެ.

ފިޔަވައްޗަކީ ގެއެއްގެ ގޮތުގައި ސީ.އީ.އޯ ސިފަކުރެއްވި ނަމަވެސް މިއީ އާދައިގެ ގެއެއް ނޫނެވެ. މިއަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް، 80 އަށްވުރެ ގިނަ ތުއްތު ކުދިން ފިޔަވަތީގައި އައީ ބަލަހައްޓަމުންނެވެ. މީގެ ތެރޭގައި ޢުމުރުން 5 އަހަރުން ދަށުގެ 38 ކުއްޖަކު ހިމެނެއެވެ. އަދި ޢުމުރުން 6 އަހަރާއި 12 އަހަރާއި ދެމެދުގެ 38 ކުއްޖަކުވެސް ހިމެނެއެވެ.

މިކުދިންގެ ކަންކަން އެތަނުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކުވެސް ބަލަހައްޓަމުންދަނީ މިއީ އަމިއްލަ ދަރިން ފަދައިންނެވެ. ކުދިންނަށް ބޭނުންވާ ކޮންމެ ގަޑިއެއްގައި ހަމަ މައިންބަފައިންހެން މިކުދިންގެ ޙައްގުގައި ކެއަރވޯކަރުންނާއި ފިޔަވަތީގެ ކޮންމެ މުވައްޒަފަކުވެސް ހުންނަނީ ތައްޔާރަށްކަން އަޅުގަނޑުގެ ހަމަލޮލަށް ފެނުނެވެ. ޢުމުރުން 5 އަހަރުގެ ތުއްތު ކުދިން އެކުދިންގެ "ދައްތަ" ފެނުމުން ދުވެފައި އައިސް ބައްދާލި މަންޒަރު ފެނުނު ކޮންމެ ވަގުތަކީ ހިތަށް ބަޔާންކުރަންދަތި އިޙްސާސްތަކެއް ކުރެވުނު ވަގުތެކެވެ.

މައިވަންތަކަމުގެ ލޯތްބާއި އަޅާލުން ދޭން ބަޔަކު ކުރާ ބުރަ މަސައްކަތް

ޢުމުރުން 3 މަސް އަދި 4 މަހުގެ ތުއްތު ކުދިން އަމިއްލަ ދަރިން ފަދައިން ނިންދަވާ ހެދި މަންޒަރުތަކަކީ ޢާއްމުނަށް ގެނެސްދެވޭނެ އަދި ލޮލަށް ނުފެންނަނީސް ޤަބޫލުކުރަންވެސް ދަތިވެދާނެފަދަ މަންޒަރުތަކެވެ.

ހިތްދަތި ޙަޔާތެއް ވޭތުކުރަމުންދާ ފިޔަވަތީގެ ކުދިންގެ ދުވަސް ލޯތްބާއި އޯގާވެރިކަމުގެ ހިޔަލުގައި އަދި އުފާވެރިގޮތެއްގައި ކުރިއަށް ގެންދެވޭތޯ ފިޔަވަތީގެ ހުރިހާ މުވައްޒަފުންވެސް ވަރަށް މަސައްކަތް ކުރެއެވެ. ކުދިންގެ ކަންކަން ބަލަހައްޓާ ކެއަރ ވޯކަރުންނާއި، އޮފީސް ކުދިންނާއި، ހެލްތު ސްޓާފްއާއި، ހުރިހާ ވަގުތެއްގެ ކުދިންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖައްސާ ދައްތައިންނާއި، ކުދިން އެކި ތަންތަނަށް ގެންދިޔުމުގެ ޒިންމާ އުފުލާ، ޑްރައިވަރުންގެވެސް އޮތީ މިމަޤުޞަދެވެ.

ޢާއްމު ގެއެއްގައިވެސް ކުޑަކުދިން ވަކި އުޞޫލަކުން ކަންކަން ކުރާ ފަދައިން ފިޔަވަތީގައިވެސް ކުދިންގެ ކަންކަން ކުރިއަށްދަނީ ވަކި ރޫޓިންއަކުންނެވެ. މިގޮތުން ކުދިންގެ ކެއުމުގެ ގަޑިތަކާއި، ޤުރުއާން ކިޔަވާ ގަޑިތަކާއި، ސްކޫލުން ދޭ ފިލާވަޅުތައް މުރާޖާކުރުމާއި، ކުޅުމަށްވެސް ކޮންމެ ދުވަހެއްގެ ވަކި ގަޑިތަކެއް ކަނޑައެޅިފައި އޮވެއެވެ. މިގަޑިތަކަށް އެކުދިން ފަރިތައެވެ.

ކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުވީ ފިޔަވަތީގެ މަންމަ ނޫން، އެކަމަކު މަންމަ

ފިޔަވަތީގައި އުމުރުން 6 އަހަރުން މަތީގެ ކުދިން ތިބެނީ ދެޖިންސް ވަކިންނެވެ. ފިރިހެން ކުދިންގެ ބައިގައި އަޅުގަނޑުގެ ޑޮކިއުމަންޓްރީގެ މަސައްކަތް ކުރަމުންދިޔަ ވަގުތެކެވެ. ސްކޫލަށް ދިޔުމަށް ބައެއް ކުދިން ތިބީ ތައްޔާރުވެގެންނެވެ. ބައެއް ކުދިން ތައްޔާރުވަނީއެވެ.

ކުއްލިއަކަށް މެންދުރު ނަމާދުގެ ބަންގި ގޮވަން ފެށިއެވެ. އެޢުމުރުގެ ކުދިންނަށް، ނަމާދުކުރުމަށް މަންމަވެސް ބާރަށް ގޮވާ އަޑު މީގެކުރިންވެސް އެހީމެވެ. އެކަމަކު އެހާ ކިޔަމަންތެރިކަމާއެކު ދިޔަ މަންޒަރު ފެނުނީ އަލަށެވެ. އޭގެ ތެރެއިން އެއްކުއްޖަކު އިމާމުވެ ނަމާދުކުރަނީއެވެ. ބާކީ ތިބި ހުރިހާ ކުދިން އާދައިގެ މަތިން ނަމާދުގެ ޖަމާޢަތް ހަދައިގެން ނަމާދު ކުރަން ފެށިއެވެ.

ހިނދުކޮޅަކަށް އަޅުގަނޑު ހުއްޓުން އެރިއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް ހަމަ އާދަކަން އެކުދިންގެ ޢަމަލުތަކުން އަޅުގަނޑަށް އިޙްސާސްވަމުންދިޔައެވެ. ދީނާއި މެދު އެކުދިންގެ ހިތުގައި ލޯބި އުފައްދައިދިނީ ފިޔަވަތީގެ ލޮބުވެތި މުވައްޒަފުންނެވެ. އެއީ ހަނދާނުން ނުފޮހެވޭނެ ފަދަ ވަގުތުކޮޅެކެވެ.

ފިޔަވަތީގެ ކުދިންގެ ކަންކަން އޮންނަ ގޮތުން ކޮންމެ ހަފްތާ ބަންދެއް އެއީ އެކުދިންނަށް އަންނަ ޢީދެކެވެ. މާލެއާއި މާލެއިން ބޭރުގެ ކޮންމެވެސް ޙަރަކާތެއް މިކުދިންނަށްޓަކައި އަބަދުވެސް އިންތިޒާމުކުރެއެވެ.

މާލެއާއި ހުޅުމާލޭގެ ބީޗުތަކުން ފެށިގެން، ސޭންޑް ބޭންކުތަކަށް ދިޔުމާއި، މާލެއަތޮޅު ގިނަ ރަށްރަށުގައި މިކުދިންވަނީ ކޭމްޕްކޮށްފައެވެ. މިފަދަ އެކި ޙަރަކާތްތަކުގެ ތެރެއިން ފިޔަވަތީގައި ތިބި ބައެއް ކުދިންވަނީ "އަންޑަރވޯޓަރ ޑައިވް މާސްޓަރ" ކޯސްވެސް ފުރިހަމަކޮށްފައެވެ.

މިކުދިންގެ ކަންކަން ގާތުން ފެންނަ ކޮންމެ މީހަކުވެސް ރޯނެއެވެ. އެކުދިންގެ ޢާއިލާއިން އެކުދިންގެ ގެންދިޔުމަށް އެދޭނެއެވެ. ފިޔަވަތީގެ މުވައްޒަފުންގެ އިޚްލާސްތެރި މަސައްކަތާއިމެދު ޝުކުރުވެރިވާނެއެވެ. އެއީ މުސާރަ ލިބޭތީ ކުރާ މަސައްކަތެއްނަމަ ފިޔަވަތީގެ ފުރިހަމަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނުދާނެއެވެ. މިކުދިންގެ ކަންކަމުގައި ދައުލަތުން ކުރާ ހޭދައާއި ފިޔަވަތީގެ ފަރާތުން ދެމުންދާ ލޯތްބާއި އޯގާތެރިކަމަށްޓަކައި ތަޢުރީފާއި، ޝުކުރު ޙައްގެވެ.