ޚަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑްގައި ރޯދަމަހަށް ޚާއްސަ ޕެކޭޖްތަކެއް


ރޯދަވީއްލުމުގެ ޕެކޭޖްތަކާއެކު މި ރަމަޟާންމަހު ކުޑަގިރީގެ ޚިދުމަތް އާއްމުންނަށް ލިބޭނެކަމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއިން ވިދާޅުވެއްޖެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް އާއްމުކޮށް ހުޅުވާލާ ޚިދުމަތް ދޭން ފެށީ މިއަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. މި ރަށް ތަރައްޤީކޮށްފައިވަނީ ދަތުރުދާ ރަށަކުން ބޭނުންވާނެ ހުރިހާ އާއްމު ޚިދުމަތްތަކާއެކުއެވެ. އަދި ޚާއްސަ އިވެންޓްތަކާއި ޕާޓީޓަކަށްވެސް ދޫކުރެވޭގޮތަށެވެެ.

މި ރަމަޟާންމަހަށް ޚާއްސަކޮށް ކުޑަގިރީގެ އިންތިޒާމްތަކަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އާދިއްތަ ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކުވެސް ކުޑަގިރިން އާއްމުކޮށް ހުޅުވާލާ ޚިދުމަތް ދޭނެއެވެ.

އެގޮތުން ހަފްތާ ބަންދުގައި މެންދުރު 02:15 އިން ފެށިގެން ރޭގަނޑު 08:00 އާއި ދެމެދު، 5 ފެރީ ދަތުރު މާލެއިން ކުޑަގިރިއަށް ބާއްވާނެއެވެ. އަދި އެނބުރި އައުމަށް ރޭގަނޑު 07:30 އާއި 10:45 އާއި ދެމެދު ފެރީ ދަތުރުތައް އޮންނާނެއެވެ.

ހަފްތާގެ އެހެން ދުވަސްތަކުގައި ކުޑަގިރިއަށް ފެރީ އޮންނާނީ މެންދުރު 02:15 އިން ރޭގަނޑު 07:30 އަށެވެ. އަދި ރިޓަރން އޮންނާނީ ރޭގަނޑު 07:30 އާއި 10:45 އާއި ދެމެދުއެވެ.

ރޯދަމަހުގެ ގަޑިތައް ޚާއްސަކޮށްފައިވަނީ ރޯދަވީއްލުމާއި އަދި ތަރާވީހު ގަޑީގެ ކެއުންތައް ޕިކްނިކް އައިލެންޑްގައި ކުރިއަށް ގެންދެވޭގޮތަށެވެ. ރޯދަވީއްލުމަށް ޚާއްސަ ބުފޭ ޕެކޭޖްތައް ވަނީ ހަދާފައެވެ. ބުފޭ ނަގާ ފަރާތްތަކުން ކުރިއާލާ ބުކިން ހަދަން ޖެހޭނެއެވެ.

މީގެއިތުރުން އަމިއްލައަށް ތަކެތި ގެންގޮސްގެން ރޯދަވީއްލުން ހެދުމުގެ ފުރުޞަތުވެސް އާއްމުންނަށް އޮންނާނެއެވެ.


ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްޤީކޮށްދިނުމުގެ ވަޢުދުގެ ދަށުން ސަރުކާރުން ތަރައްޤީކުރި ދަތުރުދާ ރަށެކެވެ. މި ރަށް ހުޅުވާލުމާއެކު އާއްމުންގެ ބޮޑު ތަރުޚީބެއް އަންނަނީ ލިބެމުންނެވެ.

މިއީ ދަތުރުދިއުމަށް ޚާއްސަކޮށް މި ކޮންސެޕްޓަށް ރާއްޖޭގައިވެސް ތަރައްޤީކުރި ފުރަތަމަ ރަށެވެ. ރަށުގައި ރަށުގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އޮފީހަކާއި، ކެފޭއާއި ފިހާރަ އަދި މަޑުކޮށްލައިގެން ތިބުމަށް ޑޭ ރޫމްތައް ވަނީ ހަދާފައެވެ.

ރަށަށް ދަތުރުދާ މީހުންނަށް މަޑުކޮށްލައިގެން ތިބޭ ހަޓުތަކަކީވެސް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފަސޭހައިން ލިބޭގޮތަށް ހަދާފައިވާ ހަޓުތަކެވެ. މީގެއިތުރުން ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ކުރިއަށްގެންދެވޭނެ ފެސިލިޓީތައް ވަނީ ހަދާފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގައި އެއްފަހަރާ 500 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވޭނެ ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. ރަށް ތަރައްޤީކޮށްފައިވަނީ، ރަށުގެ ހުރިހާ ހިސާބުތަކަށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ދެވޭގޮތަށެވެ.

ރަަމަޟާންމަސް ނިމުމުން ކުރިއެކޭވެސް އެއްގޮތަށް ކުޑަގިރީގެ ޚިދުމަތްތައް ލިބޭނެކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.