ދުނިޔެ

ހަނގުރާމައިގެ ތަހްޤީޤަށް މޮނީޓަރުންގެ އެހީ ބޭނުން- ލަންކާ


ސްރީލަންކާގައި 26 އަހަރަށް ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމައިގެ އިންސާނިއްޔާތާ ޚިލާފް ޢަމަލުތައް ހިނގާފައިވޭތޯ ބެލުމަށް މިހާރު ކުރިއަށްދާ ތަޙުގީގުގައި ބައިނަލްއަޤްވާމީ މޮނިޓަރުންގެ އެހީ ހޯދަން ބޭނުންވާކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ސަރުކާރުން މިހާރު ކުރިއަށްގެންދާ ތަޙްގީގު ވާންޖެހޭނީ އިންސާފުވެރި ތަޙުގީގަކަށް ކަމަށާއި ހަނގުރާމައިގެ ސަބަބުން ޙައްގުތައް ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ލިބެންޖެހޭ ތަޙުގީގަކަށް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މަންގަލަ ވިދާޅުވީ ތަޙުގީގާއި ކޯޓް މަރުހަލާގެ މިނިވަންކަން ޔަގީންކުރުމުގެ ގޮތުން، ބައިނަލްއަގްވާމީ މޮނިޓަރުންނަށް އެކަންކަން ބެލުމަށް ދަޢުވަތު ދޭނެކަމަށެވެ.

ސަމަރަވީރަ މިހެން ވިދާޅުވެފައިވީ ނަމަވެސް، ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނަ ވަނީ ތަޙުގީގުގެ މިނިވަންކަން ޔަގީންކުރުމަށް ބޭރުގެ އެއްވެސް މޮނިޓަރެއް ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އދ. ން ބުނާ ގޮތުގައި 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި ސްރީލަންކާ ސަރުކާރާއި ތަމަޅަ ޓައިގަރުންވެސް ހަނގުރާމައިގެ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް ހިންގާފައިވާކަމަށް ބެލެވެން އެބައޮތްކަމަށެވެ.