ޚަބަރު

ފަޔާޒާއި އަދީބުގެ ދެ ބޮޑީގާޑުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ރިޔާސީ ލޯންކޮޅުގައި ބޮމެއް ގޮއްވާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރާއި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ ދެ ބޮޑީގާރޑުންގެ ބަންދުގެ މުއްދަތަށް ފަނަރަ ދުވަސް ކްރިމިނަލް ކޯޓުން އިތުރުކުރައްވައިފިއެވެ.

ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރ ކެޕްޓަން އަޙުމަދު ފަޔާޒާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބްގެ ދެ ބޮޑީގާރޑުން ކަމަށްވާ ސާރޖަންޓް އަޙުމަދު ރިކާޒާއި ކޯޕްރަލް އަޙުމަދު ޢާމިރު މިދިޔަ ބުދަދުވާ ހަމައަށް ތިބީ ސިފައިންގޭގައި ބަންދުކުރައްވާފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މި ތިންމީހުން މިދިޔަ ބުދަދުވަހު ގެންދަވާފައިވަނީ ސިފައިންގޭގެ ބަންދުން ދޫކޮށްލެއްވުމުން ކޯޓް އަމުރެއްގެ ދަށުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފަންސަވީސް ވަނަދުވަހު ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލިއިރު ކެޕްޓަން ފަޔާޒަކީ ރައިސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެސްޕީޖީގެ އެންމެ އިސްވެރިޔާއެވެ. އަދި އޭނާއަކީ ސިފައިންގެ ބަޑި ގުދަން ބެލެއްހެއްޓުމުގެވެސް އޭރު އެންމެ އިސްވެރިޔާއެވެ.

ރިޔާސީ ލޮންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދެއްވުމަށް އެދިވަޑައިގެން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައެވެ.