ޚަބަރު

ހުޅުމާލޭގައި އިޝްތިހާރު ބަހައްޓާ އުސޫލަށް ބަދަލުތަކެއް


ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި އިޝްތިހާރުކުރަން ހުއްދަދިނުން ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ، ސާފުތާހިރު އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވިގެންދާ ސިޓީއަކަށް ހެދުމަށް އެސިޓީގެ މާސްޓަރޕްލޭންގައި ވަރަށް ބޮޑަށް ބާރުއަޅައެވެ. މިކަން ކަށަވަރުކުރުމަށް އެޗްޑީސީން އަންނަނީ އެކި ކަންކަން ހުޅުމާލޭގައި ތަޢާރަފްކުރަމުންނެވެ.

އެޗްޑީސީން ބުނީ އަންނަ އޭޕްރީލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުމާލޭގައި އިޝްތިހާރުކުރުމުގައި ކަރުދާހާއި ފޮތި ބޭނުންކޮށްގެން އިޝްތިހާރު ނުކުރެވޭނެކަމަށެވެ. އަދި މިޢިއުލާނާއެކު މިވަގުތު ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކަރުދާހާއި ފޮތި ބޭނުންކޮށްގެން ހަރުކޮށްފައިވާ އިޝްތިހާރުތައް އޭޕްރީލްމަހުގެ 1 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

މިކަން ކަށަވަރުކުރުމަށް، އެޗްޑީސީއިން މިހާރު ވަނީ ހުޅުމާލޭގައި އިޝްތިހާރުކުރެވޭނެ އުސޫލަށް ބޮޑުބަދަލެއް ގެނައުމަށް ނިންމާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އިޝްތިހާރުކުރެވޭނެ ޒަމާނީ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން އެޗްޑީސީގެ އަރބަންހައިޕް މެދުވެރިކޮށް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ޑިޖިޓަލް ބޯޑުތަކުގައި އިޝްތިހާރުކުރެވޭނެ ގޮތް ފަހިކޮށްދީފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ސްމާޓް ސިޓީއެއްގޮތުގައި ރާއްޖޭގައި މާސްޓަރޕްލޭނަކާއެކު ތަރައްޤީކުރާ ފުރަތަމަ ސަރަޙައްދަކީ ހުޅުމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ އަދި އުފާވެރި ތަޖުރިބާއަކަށް ހެދުމަށް ހުޅުމާލެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަކީ އެޗްޑީސީގެ މަސްއޫލިއްޔަތެކެވެ.